-Advertisement-

-Advertisement-

މީގެ ފަހުން ފަރުމަސް އެކްސްޕޯޓް ކުރެވޭނީ ކެޗް ސްޓެފިކެޓް އޮވެގެން!

މަސް މާރުކޭޓުގައި ފަރުމަސް ކަނޑަނީ- ފޮޓޯ/އެޗްޑީސީ

ރާއްޖޭގައި ފަރުމަހުގެ މަސްވެރިކަންކޮށް، ބާނާ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް އެ މަސައްކަތް ކެޗް ސެޓްފިކެޓެއް އޮވެގެން ނޫނީ ނުކުރެވޭގޮތައް ޤަވާއިދެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން އެކުލަވާލައިފިއެވެ.

އެގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ގާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް އެ މިނިސްޓްރީގެ ފަރާތުން އެކުލަވާލި މި އުސޫލާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވަނީ، މި އުސޫލާއެކު އެކްސްޕޯޓުކުރެވޭ ކޮންމެ ފަރުމަހުގެ ޝިޕްމަންޓަކާއެކު މިނިސްޓްރީން ދޫކޮށްފައިވާ ކެޗް ސެޓުފިކެޓެއް އޮތުން ލާޒިމްވެގެން ދާނެކަމަށެވެ.

އެގޮތުން މިނިސްޓްރީން ދޫކުރާ މި ސެޓްފިކެޓްގައި މަސް ބާނައިފައިވާ އުޅަނދުގެ މަޢުލޫމާތާއި، މަސް ބޭނި ތާރީޚު އަދި މަސް ޕްރޮސެސްކުރި ފަރާތުގެ މަޢުލޫމާތު ހިމެނޭނެކަމުގައި އެ ވުޒާރާއިން ބުނެއެވެ.

ވުމާއެކު، ޤާނޫނާ ޚިލާފަށް، ރިޕޯޓުކުރުމެއް އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން (އައި.ޔޫ.ޔޫ) ހުއްޓުވުމަށް އެޅި މި ފިޔަވަޅާއެކު މަސް ބޭނީއްސުރެ ގަންނަ ފަރާތަށް ފޯރުކޮށްދެވެންދެން މަހުގެ އުފެއްދުންތައް ކަޑައްތުކުރާ މަރުޙަލާތައް ދެނެގަތުމަށް (ޓްރޭސަބިލިޓީ) ފަސޭހަވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފަރުމަހުގެ މަސްވެރިކަމަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މަސްވެރިކަމެއް ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެކަށީގެންވާ ގޮތެއްގައި އެ ދާއިރާއަށް އަޅާނުލެވުމުގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން ކޮށްގެން ނަފާހޯދުމުގައި ގޮންޖެހުންތައް ގިނަ ކަމުގެ ކަންބޮޑުވުން އަބަދުވެސް ލިބެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-