-Advertisement-

-Advertisement-

މާލޭގައި ކުނި ނެގުމާއި މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅަނީ

ފޮޓޯ: އައްޑޫލައިވް

މާލޭގައި ކުނި ނެގުމާއި މުދަ އުފުލުމަށް ޚާއްސަ ގަޑިތަކެއް ކަނޑައަޅައި މިހާރު އެ މަސައްކަތް ކުރަމުން އަންނަ ގަޑިތަކަސް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުނި އުކާލުމުގެ ވަގުތު ރޭގަނޑު 10:00ން ފެށިގެން ފަތިހު 5:00 ށް އަދި ކަނޑައެޅޭ ވަކި ސައިޒަކަށްވުރެ ބޮޑެތި އުޅަނދުފަހަރުން މުދާ އުފުލުމުގެ ގަޑިތައް ރޭގަނޑު 8:00 ން ފެށިގެން ފަތިހު 5:00 ށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މާލެފަހި ޕްރޮގްރާމްގެ ދަށުން ގެނައުމަށް ނިންމާފައިވާ މި ބަދަލަކީ މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި އުޅަނދުފަހަރުގެ ދަތުރުފަތުރު ކުރާ މިންވަރު އިތުރުވެ މަގުތައް ބާރުބޮޑުވާތީ، ކުނި އުކާލުމުގެ މަސައްކަތް ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ޤަބޫލުކުރެވޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މި ބަދަލަކީ މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި ކުނި އުކާލާ އުޅަނދުތަކުގެ ސަބަބުން ކުރިމަތިވާ ތޮއްޖެހުން ކުޑަކުރުމުގެ މަޤްސަދުގައި ގެންނަ ބަދަލެއް ކަމަށާއި މިކަމުގެ ސަބަބުން މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، ރައްޔިތުންނަށް ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވަނީ ބުނެފައެވެ.

އަދި ދުވާލުގެ ވަގުތުތަކުގައި މަގުމަތީގައި ދުއްވާ ބޮޑެތި އުޅަނދުފަހަރުގެ އަދަދު މަދުވުމުން، އާންމު ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ހިނގާބިނގާވެ ދަތުރުފަތުރު ކުރެވޭނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެހެން ނަމަވެސް މި ބަދަލު ތަންފީޒުކުރަން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-