ސައްހަ ނޫން ބެންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރި ކުރުން ހުއްޓުވުމަށް ފުލުހުން “އޮޕަރޭޝަން ފޭކް ސްލިޕް” ގެ ނަމުގައި އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއޮޕަރޭޝަނަކީ އެންޓި-ސްކޭމް ސެންޓަރުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށާއި އޮކްޓޯބަރު މަހަށް ހާއްސަކޮށްފައި ވަނީ ސައްހަ ނޫން ސްލިޕް ދެނެގަނެ ހޭލުންތެރި ކުރުވުން ކަމަށެވެ.
އެގޮތުން މިމަސް ނިމޭއިރު، މާލެ އޭރިއާގެ ހުރިހާ ފިހާރައަކާއި ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ފުލުހުން ބުނެއެެވެ. މިއޮޕަރޭޝަންގެ ތެރެއިން ޚިދުމަތް ހޯދުމަށްފަހު ސައްހަ ނޫން، ބެންކު ޓްރާންސްފަރ ސްލިޕް ހުށަހަޅާ ކަސްޓަމަރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބެލުމާއިއެކު ބެންކު ޓްރާންސްފަރ މެދުވެރިކޮށް ވިޔަފާރިކުރަނީ ކިހާވަރަކަށްތޯ ދެނެގަނެ ހޭލުންތެރިކުރުވުމަށް މައުލޫމާތުދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ހަމައެއާއިއެކު، ސައްހަކަން ކަށަވަރުކުރުމަށް ބެންކު ސްޓޭޓްމަންޓް ޗެކްކުރުން، މުއާމަލާތުގެ ރިފަރެންސް ބެލުން ފަދަ ކަންކަން ދެނެގަތުމާއި ސައްހަ ސްލިޕާއި ޝައްކުވާ ޓްރާންސްފަރ ސްލިޕްތައް ދެނެގަތުމަށް އަހުލުވެރިވެފައިވޭތޯ ބަލައި އިތުރަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ޚިދުމަތް ހޯދައި ނުވަތަ މުދާ ވިއްކައި، ތަކެތި ދޫކުރުމުގެ ކުރިން ފައިސާ ދެއްކިކަން ޔަގީންކުރުމަށް ބެންކުގެ ރަސްމީ އެޕްލިކޭޝަން، އެސްއެމްއެސް ނުވަތަ އީމެއިލް ބޭނުންކުރޭތޯ ބެލާނެ ކަމަށް ފުލުހުން އިތުރަށް ހާމަކޮށްފައިވެއެވެ.