ރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއި ދެމެދު ޢިލްމީ ދިރާސާއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސައީދު ގާސިމެވެ. އަދި ފަތުވާ މަޖިލީހުގެ ފަރާތުން ސޮއި ކުރެއްވީ އެ މަޖިލީހުގެ ރައީސް ޝައިޚް ޑރ. މުހައްމަދު ރަޝީދު އިބްރާހީމެވެ.
އައިޔޫއެމް އާއި ފަތުވާ ކޮމިޓީގެ ދެމެދުގައި މިއަދު ވެވުނު އެއްބަސްވުމުގެ މަޤުސަދުތަކުގެ ތެރޭގައި ދިވެހި މުޖުތަމައަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމުކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމައުގައި އޮޅުން އަރާކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަތުމަށް ޢިލްމީ ދިރާސާތައް ކުރުމާއި ދެ ތަން ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ އަދި ޢިލްމީ މަސައްކަތްތަކެއް ކުރުން ހިމެނެއެވެ.
އެގޮތުން މިދިރާސާތައް ކުރުމަށްޓަކައި ޢިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށް ދިނުމާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަހުދަތު ހިމާޔަތް ކުރުމަށާއި، ދީނުގެ މެދުމިންވުމުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ދިނުން ވެސް އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ. އަދި ޢިލްމީ ފޮތްތައް އެކުލަވައިލުމާއި ތަރުޖަމާ ކުރުމުގައި އެހީތެރިވުމާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްކަން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނާތައް އިންތިޒާމު ކުރުން ހިމެނެއެވެ.