ޚާއްސަ އެހީއަށް ބޭނުންވާ މީހުން ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނު ކުރުމަށް ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އިޖުތިމާޢި އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރައިން މިއަދު މީސްމީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ވުޒާރާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް 3 މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ސީވީ އަދި ތައުލީމީ ސެޓްފިކެޓްތަކާއިއެކު des@msfd.gov.mv އަށް އީމެއިލް ކުރުމަށް އެވުޒާރާއިން ވަނީ އެދިފައެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ހޯދައި ދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެވުޒާރާއިން ދަނީ މިފަދަ އެކި ތަމްރީން ޕްރޮގްރާމްތައް ހިނގަމުންނެވެ.