-Advertisement-

-Advertisement-

ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ސަރުކާރުން ލިބޭ: މޭޔަރު އާޒިމް

ކޮންފަރެންސްގައި މާލޭގެ މޭޔަރު އާދަމް އާޒިމް - ފޮޓޯ/ އެމްޑީޕީ

މާލޭ ސިޓީ ކައުންސިލަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެންމެހައި އެއްބާރުލުމެއް މިހާރުގެ ސަރުކާރުގެ ފަރާތުން ލިބޭ ކަމުގައި މާލޭ ސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސިލްސިލާ ގޮތެއްގައި ބޭއްވުމަށް ނިންމައި އިއްޔެ ކުޅުދުއްފުށީގައި ފެށި “ލާމަރުކަޒީ ގުޅުން” ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ސިޓީ ކައުންސިލަށް ދަތިވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލަށް ބޭނުންވާ 15 ކޮންސަލްޓޭޓުންވެސް ނަގައިދީފައިވާކަމަށާއި އަދި އެކަކު ފިޔަވައި ދެން އެއީ އެމްޑީޕީގެ މެމްބަރުން ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

“އަނެއް ގޮތަކަށް ދަތި ކަމެއް (ސަރުކާރުގެ ފަރާތުން) އަދި މިހާތަނަކަށް ނެތް،”  މޭޔަރު އާޒިމް

މި ކޮންފަރެންސްގައި އާޒިމް ދެއްކެވި ވާހަކަފުޅު ރާއްޖެ ޓީވީން ލައިންވެސް ކުރިއެވެ. އެހެން ނަމަވެސް މި ލައިވް ކަވަރެޖް މިހާރު ވަނީ އެ ޓީވީގެ ފޭސްބުކް ޕޭޖުން ޑިލީޓްކޮށްލައިފައެވެ.

އެމްޑީޕީގެ “ލާމަރުކަޒީ ގުޅުން” ކޮންފަރެންސްގެ މަޤްސަދަކީ ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން އަންގައިދިނުމާއި، މިހާރުގެ ސަރުކާރުން އެ ނިޒާމު ހަލާކުކޮށްލަން މަސައްކަތްކުރާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑުއުފުލުމާއި އެކަމާއި ގުޅިގެން ކައުންސިލްތަކާއި މަޝްވަރާކުރުމެވެ.

މި ކޮންފަރެންސްގައި މައިގަނޑު ދެ މައުޟޫއަކަށް މަޝްވަރާކުރެވޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެއީ ލާމަރުކަޒީ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކައުންސިލްތަކުގެ މާލީ ހާލަތެވެ. މި ދެ ދާއިރާއިން މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް، އިޤަރާރުވާ ކަންކަން ޕާޓީން ހާމަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމްދީޕީގެ ލީޑަރޝިޕުން މިހާރު ތިލަދުންމައްޗަށް ކުރަމުން ގެންދާ ދަތުރުގައި މި ހަފްތާގެ އަންގާރަ ދުވަހާއި ހަމައަށް އެ ސަރަހައްދުގެ ރަށްތަކަށް ޒިޔާރަތްކޮށް “ލާމަރުކަޒީ ގުޅުން” ކޮންފަރެންސްގެ ސިލްސިލާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-