ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާ ދެމީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެގޮތުން ހޯދުމަށް އިއުލާނުކުރި ދެމީހުންގެ ތެރެއިން ގދ. ވާދޫ / ޞަބާހީމަންޒިލް، އުމުރުން 25 އަހަރުގެ އިޒާމް ޒާހިރަކީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅިގެން ކޯޓުގައި ކުރިއަށް ގެންދާ އަޑުއެހުންތަކަށް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން އެ އަދުއެހުންތަކަށް ކޯޓަށް ހާޒިރުކުރުމަށްޓަކައި ހޯދަމުން އަންނަ މީހެކެވެ.
އެގޮތުން އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ވާދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9960159ށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
ފުލުހުން ހޯދުމަށް އިއުލާނުކުރި އަނެއް މީހަކީ ވ. ސެޓެލައިޓް / މާލެ، އުމުރުން 41 އަހަރުގެ މުޙައްމަދު ނަޢީމެވެ. އޭނާ ހޯދަމުން އަންނަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޫބަރު 15 ވަނަ ދުވަހުގެ 13:00 ށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމުގައި ފުލުހުން ބުނެއެވެ.
އަދި މުޙައްމަދު ނަޢީމާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 ށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައެވެ.
ޝަރީޢަތްތަކަށް ހާޒިރު ނުވެގެންނާއި އެކި އެކި މައްސަލަތަކުގެ ތަޙުޤީގުތަކަށް ހާޒިރު ނުކުރެވިގެން މީހުން ހޯދުމަށް ފުލުހުން ދޭތެރެ ދޭތެރެއިން އިއުލާނުކުރެއެވެ.