މާލެ ސަރަހައްދުގެ މަގުތަކުގަިއ ޤާއިމްކުރާ ފެން ހިންދާ ނިޒާމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފައިފައިވާކަމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެގޮތުން މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ހިންދުމުގެ ވަގުީ ނިޒާމެއް ޤާއިމްކުރުމަށް މި އަހަރުގެ މެއި މަހުގެ ތެރޭގައި ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މާލޭގެ ހަ ސަރަހައްދުގައި ވަގުތީ ފެން ހިންދާ ނިޒާމްތައް ގާއިމް ކުރަން ނިންމާފައިވާއިރު، ވެސްޓް ޕާކް، އައިޖީއެމްއެޗް، އަދި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ޤާއިމްކުރާ ފެން ހިންދާ ނިޒާމުގެ މަސައްކަތް ވަނީ ނިންމައިފައެވެ.
ދިފާއީ ވުޒާރާއާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި އާރްޑީސީ ގުޅިގެން ފަށާފައިވާ މި މަޝްރޫޢުގެ ބޮޑުބައިގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ބޭނުންކޮށް ނިމިފައިވާ ސަރަހައްދުތަކުން ވިއްސާރައިގައި އެ ނިޒާމުގެ ހެޔޮ އަސަރު ފެންނަމުން އަންނަ ކަމުގައި އެ ވުޒާރާއިން ބުނެއެވެ.
އެގޮތުން ޕީއެސްއެމްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، މޫސުން ތަންދޭނަމަ، ރަސްފަންނު ސަރަހައްދުގައި ޤާއިމް ކުރާ ފެން ހިންދާ ނިޒާމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށާއި އެ މަސައްކަތް ފަށާތާ ހަފްތާއެއް ތެރޭ ނިންމާލެވޭނެ ކަމަށެވެ.
އެއަށްފަހު، އާޓިފިޝަލް ބީޗު ސަރަހައްދާއި ޕީއެސްއެމް ބިލްޑިން ހުންނަ ސަރަހައްދުގައި އެ މަސައްކަތް ފަށާނެ ކަން ފާހަގަކުރައްވައި ނަޒީމް ވަނީ އެ ނިޒާމުތަކުގެ މަސައްކަތް މި މަހުގެ ފަހުކޮޅުގެ ކުރިން ނިންމާލެވޭ ކަމަށް ލަފާކުރައްވައިފައެވެ.
މާލެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭ ދުވަސްވަރަށް މަގުތަކުގައި ފެން ވަރަށް ބޮޑަށް ފެންބޮޑުވެއެވެ. އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.