ފާއިތުވި ސެޕްޓެމްބަރު މަހުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ފާއިތުވި ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 8.7 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ސެޕްޓެމްބަރު މަހު އެކަނިވެސް 2.8 މިލިޔަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައި ވެއެވެ.
މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެއް ކަމުގައި މީރާއިން ބުނެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި އަހަރުގެ މި މުއްދަތާއި ހަމައަށް ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނީ 82 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅައި ބަލާއިރު %17.1 އިތުރު އަދަދެކެވެ.
މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މި މަހުގައެވެ. މިހާރުގެ ނިޞާބަކީ 9240.35 ރުފިޔާއެވެ.
މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބުގެ މިންވަރު ނުވަތަ އެއަށްވުރެ ގިނަ ފައިސާ ހަމަވެފައި ހުންނަތާ އެއް އަހަރުވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ އަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިންސައްތައެވެ.