އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި މިހާރު ހުންނެވި ފުވާދު ތަޢުފީޤުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ހަސީބު އައްޔަން ކުރުމަށް ނަން ފޮނުވައިފިއެވެ.
ފުވާދުގެ ދައުރު އަންނަ ނޮވެންބަރު މަހުގެ 24ށް ހަމަވާތީ، އެ ކޮމިޝަނަށްގެ މެންބަރު ކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ހުޅުވާލައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ފޮނުވި ސިޓީފުޅުގައި އެ ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލިހުގެ ރުހުން ހޯދުމަށްޓަކައި ނަން ފޮނުއްވައިފައި ވަނީ، ހުޅުމާލެ ހިޔާ 11-23-05 އަބްދުލް ހަސީބް އިސްމާޢީލްގެ އެކަންޏެވެ.
އަބްދު ހަސިބްވަނީ 2019 ވަނަ އަހަރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށްވެސް އައްޔަން ކުރައްވައިފައެވެ.
ފުވާދުވަނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2009ގެ ސެޕްޓެމްބަރާ ހަމައަށް އީސީގެ މެންބަރުކަން ކުރައްވައިފައެވެ.
އަދި ސެޕްޓެމްބަރު 2009 ން ފެށިގެން މާޗު 2014 އި ހަމައަށް އީސީގެ ރައީސްކަންވެސް ފުވާދު އަދާކުރެއްވިއެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު އެ ކޮމިޝަނަށް ގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށްފަހު 2021 ވަނަ އަހަރު އަނެއްކާވެސް ފުވާދުވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް އައްޔަން ކުރައްވައިފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު ބުނާ ގޮތުން އީސީގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، އިތުރު ފަސް އަހަރަށް ވުރެ ދިގުނުވާ ގޮތަށް މެންބަރުކަމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ޤާނޫނުގައި ބުނެއެވެ.