މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި 3 ބަދަލަށް ރުހުން ދިނުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް މިއަދު ފޮނުވައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެބިނެޓަށް މުހިއްމު ބަދަލުތަކެއް ގެންނަވާފައެވެ.
އެއީ، ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް އަދި ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ޚަލީލް ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވުމެވެ. މީގެ އިތުރުން އާ ހެލްތް މިނިސްޓަރަކަށް ރައީސް އައްޔަން ކުރެއްވީ، މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ރައީސް ވަނީ ވަޒީރުންގެ މަޤާމުތަކަށް ގެނެވުނު އައު ބަދަލުތަކާއެކު މި ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފައެވެ.
މަޖިލިހުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލިހަށް ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި 30 ސެޕްޓެމްބަރުގައި އައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންގެ ނަން ދިރާސާކޮށް މަޖިލިހުން ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެހެން ނަމަވެސް މަޖިލިހަށް ރުހުން ހޯދުމަށް ފޮނުވި އިރު، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތުމުން ޗުއްޓީއަށްފަހު މިއަދު އޮތް ޖަލްސާގައި އެ މައްސަލަ އެޖެންޑާކުރުމަށްފަހު މިއަދު މަޖިލިހުން ނިންމާފައިވަނީ، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ޓަކައި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ފޮނުވުމަށެވެ.
ކުރިން ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުޙައްމަދު ޝަފީގު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ނަމަވެސް އެބޭފުޅާ އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެއެވެ.