އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ގެ ސީއީއޯގެ މަގާމަށް ޑރ. މުހައްމަދު މާހިދު ޝަރީފް ޢައްޔަންކޮށްފިއެވެ.
ސަރުކާރުގެ ގިނަ ވުޒާރާތަކެއްގެ އިސް މަޤާމްތަކެއް ފުރުއްވައިފައިވާ ޑރ މާޙިދު، ސީއޭ މޯލްޑިވްސް ގެ ސީއީއޯ އަކަށް އައްޔަން ކުރިކަން އިއްޔެ އެ ކޯޕަރޭޝަންގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އިއުލާނުކޮށްފައެވެ.
ސީއޭ އަކީ ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަނާ ގުޅޭ ކަންތައްތައް ބައިނަލްއަޤުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ތަންޒީމުކޮށް، ރާއްޖޭގައި އެކައުންޓެންސީ ޕްރޮފެޝަން ޤާއިމުކޮށް ، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހި ކުރުމަށް ރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ އިންސްޓިޓިއުޓެކެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޑޮކްޓްރޭޓް ހާސިލުކުރައްވައިފައިވާ ޑރ މުޙައްމަދު މާހިދު ޝަރީފަކީ ޕަބްލިކް ސެކްޓާ މެނޭޖްމެންޓް، އަދި ސްޕޯޓްސް އޮގަނައިޒޭޝަން މެނޭޖްމެންޓް އިން މާސްޓާސްވެސް ޙާސިލްކުރައްވައިފައެވެ.
އަދި ބެޗްލާ އޮފް އިންޖިނިއަރިން (އިންފޮމޭޝަން އެންޑް އިލެކްޓްރޯނިކްސް) ހާސިލު ކުރުމުގެ އިތުރުން ބިޒްނަސް މެނޭޖްމެންޓް / އެޑްމިނިސްޓްރޭޝަން، އަދި އެކައުންޓިން އެންޑް މެނޭޖްމެންޓް ގެ ދާއިރާއިން ގިނަ ޑިޕްލޮމާ ތަކެއް ޑރ މާހިދު ވަނީ ޙާސިލްކުރައްވައިފައެވެ.
ޑރ މާހިދު ފާހަގަކޮށްލެވެނީ، ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ ދެ ވުޒާރާއެއްގެ ޕާމަނަންޓް ސެކެޓްރީކަންވެސް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި އެބޭފުޅާ ވަނީ، މިހާރުގެ ރައީސް ޑރ މުހައްމަދު މުޢިއްޒު ހައުސިންގް މިނިސްޓަރަކަށް ހުންނެވި އިރު އެ ވުޒާރާގެ ޕަރމަނަންޓް ސެކެޓްރީކަން ކުރައްވައިފައެވެ.
ގަވަނަންސް، ފައިނޭންސް، އަދި އިންފްރާސްޓްރަކްޗާ މެނޭޖްމެންޓުގެ ދާއިރާއިންވެސް ދައުލަތާއި ޕަބްލިކް ސެކްޓަރއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ޑރ މާހިދު ޝަރީފް ވަނީ، އިސްލާމިކް ޔުނިވާސިޓީ އޮފް ،މޯލްޑިވްސް (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަމުގެ މަޤާމު ވެސް ފުރުއްވާފައެވެ.