-Advertisement-

-Advertisement-

ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގެއްލުންވޭ: އަބްދުލްރަހީމް

ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ ދޮގު މަޢުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަމުން އަބްދުލްރަހީމް ވިދާޅުވީ އޮޅުވާލުމުގެ ގޮތުން ގަސްތުގައި ފަތުރާ ގޮދު މަޢުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށާއި މިފަދަ ގޮންޖެހުންތަކުން ސަލާމަތްކުރުމަށް ޤާނޫނުހަދާ މަޖިލިސްތަކުން އާ އީޖާދުތަކާއެކީ އެއަށް ބޭނުންވާ ޤަވާއިދުތައްވެސް އެކުލަވާލަން ޖެހޭ ކަމަށެވެ.

އައިޕީޔޫ އިން ކަނޑައަޅާފައިވާ ސައިންސާއި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ޤައުމުތަކުން އެކުލަވާލުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ ދިރާސާތައް ކުރިއަށް ގެންދަންވާނީ ނަޒާހަތްތެރިކަމާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކޮށްގެން ކަމަށެވެ.

މީގެއިތުރުން، ޤާނޫނުހަދާ މަޖިލިސްތަކުން ޓެކްނޮލޮޖީ ކުރިއެރުވުމަށް އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން އަލިއަޅުވާލާ އަބްދުލްރަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ކޮވިޑުގެ ދުވަސްވަރު ދުނިޔޭގެ އެންމެ ފުރަތަމަ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޤާނޫނުހަދާ މަޖިލިސް ކަމަށެވެ. އަދި ޓެކްނޮލޮޖީއާމެދު މަޖިލީހުގެ ދައުރު އިތުރުކުރުމުގެ ގޮތުން، އައިސީޓީ އާ ގުޅޭ ދާއިމީ ކޮމިޓީއެއް މަޖިލީހުގައި ހިމެނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުލްރަހީމް އިތުރަށް ވިދާޅުވީ ފުރިހަމަ ޑިޖިޓަލައިޒްޑް އިޤްތިޞާދެއް އުފެއްދުމުގެ މަޤްޞަދުގައި، ޢާންމު ޚިދުމަތްތަކާއި ތިމާވެށީގެ މޮނިޓަރިންގ ރަނގަޅު ކުރުމަށް މަސްނޫޢީ ވިސްނުން ބޭނުންކުރުމަށްވެސް ރާއްޖެއިން ހީވާގިކަމާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.

އެއަށްފަހު ތަޤުރީރު ނިންމާލަމުން ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އަބްދުލްރަހީމް ވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. މީގެއިތުރުން، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިލްތިމާސް ކުރައްވައި، ޢާންމުން ތަހަންމަލްކުރަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ވަގުތުން ހުއްޓާލުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-