ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީއަށް ބަދަލުތަކެއް ގެނައުމަށް ނިންމަވައިފައިވާކަމަށާއި މި ބަދަލުތަކަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ކަމަށެވެ.
އެގޮތުން ފެށޭ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިނގެރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވަން ނިންމައިފައިވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
ސިނގެރޭޓާއި ބިޑީގެ އިމްޕޯޓް ޑިއުޓީއަށް ގެނައުމަށް ނިންމެވި ބަދަލުތައް:
-
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުން.
-
މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން.
މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ނިންމައިފައިވާކަން އިއުލާނުކުރައްވައި ރައީސް ވަނީ، ދުންފަތާއި ދުރުހެލި މުޖުތަމަޢެއް ބިނާކުރުމަށް އެންމެހައި ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ވޭޕް ކުރުމާއި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކޮށް ބޭނުންކުުރުމާއި އެތަކެތީގެ ވިޔަފާރީކުރުން ފެށޭ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ނިންމައި އެކަން ކަމާ ބެހޭ އިދާރާތަކަށް އެންގެވިކަން ރައީސް އިއުލާނުކުރެއްވީ އިއްޔެ ހަވީރުއެވެ.