މާލެއިން ހުޅުމާލެއަށް ދާން އޮންނަ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ކޮންޓްރޯލް ދީގެން ސައިކަލުދުއްވި މީހާއަށް ފިޔަވަޅު އަަޅަން ފޮނުވައިފިއެވެ.
އެގޮތުން ފުލުހުން ހާމަކުރި ގޮތުގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލު ދުއްވަން ދިން މައްސަލަ ތަޙުޤީގު ކުރުމަށްފަހު އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން އެ މީހާ ޓްރެފިކް ޤާނޫނާއި ޚިލާފުވިކަމަށް ފުލުހުން ވަނީ ކަނޑައަޅައިފައެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސްކޫލް ޔުނީފޯމް ލައިގެން ހުރި ކުޑަ ފިރިހެން ކުއްޖަކު ސައިކަލެއްގެ ކުރިއަށް ލައިގެން ފިރިހެނަކު ހައިވޭގައި ސައިކަލު ދުއްވާފައިދެއެވެ.
އެ ވީޑިއޯގައި އެ ފިރިހެން މީހާ ކުއްޖާގެ އަތަށް ސައިކަލުގެ ހުންގާނު ދޫކޮށްލައިގެން އިންނަ މަންޒަރު ފެނެއެވެ.
މި ވީޑިއޯ އާންމުވުމާއި ގުޅިގެން މިކަން ފުލުހުންގެ ސަމާލުކަމަށް އައިސް ފުލުހުން ވަނީ، އެ މީހާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އެގޮތުން އޭނާ ގަސްތުގައި ކުޑަ ކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަޙުޤީގު ކުރަމުންދާ ކަމުގައި މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.