ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިއްބެވި 228 ސިޔާސީ މުވައްޒަފަކު ވަކިކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
އެމަނިކުފަނު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބި 228 މުވައްޒަފަކު ކުރިއަށް އޮތް 15 ދުވަސްތެރޭގައި ވަކިކުރުމަށް އެކި ވުޒާރާތަކަށް އެމަނިކުފާނު މިއަދު އަންގަވައިފައިވާކަމަށެވެ.
އެގޮތުން މި ނިންމެވުމަކީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން، ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅުއްވާ ސީދާ ފިޔަވަޅެއްކަމުގައެވެ.
ކުރިއަށް އޮތް 15 ދުވަސްތެރޭގައި ވަކި ކުރުމަށް ރައީސް އެންގެވި 228 ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ:
- 7 ސްޓޭޓް މިނިސްޓަރުން
- 43 ޑެޕިއުޓީ މިނިސްޓަރުން
- 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން
- 69 ޕޮލިޓިކަލް ޑިރެކްޓަރުން
ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދަށް މި ގެނެވުނު ބަދަލާއެކު ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްވެގެން ދާނެކަމަށެވެ.
https://x.com/MMuizzu/status/1846109551793524939
ސަރުކާރުގެ ދަރަނި އިތުރުވެ އާމްދަނީ ދަށްވުމުގެ ސަބަބުން، މާލީ ގޮތުން ސަރުކާޒު ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި ޚަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށް ރައީސް ވަނީ އަންގަވައިފައެވެ.
އެެހެން ނަމަވެސް މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި އެ މުވައްޒަފުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާކަމުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެހެން ނަމަވެސް ސަރުކާރުގައި ސިޔާސީ މުވައްޒަފުން ތިބި ޖުމުލަ އަދަދެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.