ދަނޑުވެރިކަން ކުރިއެރުވުމަށް މިހާތަނަށް 16 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން މިއަދު ދެއްވި ޚިތާބެއްގައި މިނިސްޓަރު ވިދާޅުވީ، ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފައިސާ ފަސޭހަކަމާ އެކު ލިބޭނެ މަގު ފަހިކުރުމަށް ޓަކައި “ދަނޑުވެރި ނަފާ”ގެ ނަމުގައި ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ލޯނު ޕްރޮގްރާމެއް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން ހިންގަމުން އަންނަ ކަމަށެވެ.
އެގޮތުން މިލޯނުގެ ސްކީމްގެ 30 ޕަސަންޓު ހިއްސާކޮށްފައި ވާނީ ދަނޑުވެރިކަމުގެ މާހައުލުގައި މަސައްކަތްކުރާ އަންހެނުންނަށްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ލޯނަށް އެދުމުގައި ދަނޑުވެރިންނަށް މިހާރު ކުރިމަތިވާ ދަތިތައް ދެނެގަނެ މިކަންކަމަށް ހައްލު ލިބޭނެހެން ލޯނު ސްކީމަށް ހެޔޮ ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށެވެ.
“އެގޮތުން ރަހުނު ނުބަހައްޓާ މިވަގުތު ނެގޭ އެއްލައްކަ ރުފިޔާ ފަސްލައްކައަށް އިތުރު ކުރުމަށް އެސްޑީއެފްސީއާ ގުޅިގެން މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުން.” މިނިސްޓަރު
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދަނޑުވެރިކަމަށް ދޫކުރާ ލޯނުތަކަކީ އިސްލާމިކް ފައިނޭންސް އުސޫލުން ދޫކުރާ ލޯނުތަކަކަށް ހެދުމަށް ވެސް މިނިސްޓްރީން މަސައްކަތް ކުރާ ކަމަށާއި ލަސްތަކެއް ނުވެ އެކަންވެސް ހަމަޖެހޭނެ ކަމަށެވެ.