އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ އަބްދުލް ހަސީބު އިސްމާއިލްއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ހަސީބުގެ ނަން މަޖިލީހަށް ފޮނުއްވީ، މިހާރު އީސީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހަމަވާތީވެ އެ ކޮމިޝަނަށް ހަސީބު އައްޔަން ކުރެއްވުމަށެވެ.
އީސީގެ ޤާނޫނުގައިވާ ގޮތުގެ މަތީން ހަސީބު އީސީއަށް އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް މިއަދު މަޖިލީހުގެ އިދާރާއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
މީގެއިތުރުން، ހަސީބުއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މެއިލްއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުން މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް ބަޔާންނުގައި ބުނެފައިވެއެވެ.
މަޖިލިސް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ޝަކުވާ ހުށަހަޅަން ޖެހޭނީ އެ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށެވެ.
ހަސީބު ވަނީ މީގެކުރިން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައެވެ. އޭނާ އެމަޤާމުން ސަސްޕެންޑު ކުރުމަށްފަހު، ފަހުން ވަނީ މަޤާމުން ދުރުކޮށްފައެވެ. މިހާރު ހަސީބު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުގައެވެ.