އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް އަވަހަށް ފާސް ކުރަން ވެރިކަން ކުރާ ޕާޓީ ޕީއެންސީން، ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފިއެވެ.
މި އަހަރުގެ ޖޫން މަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތަށް، އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ ތާއީދުކުރާ ކަމެއް ކަމަށް ޕީއެންސީން މިރޭ އާއްމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ.
މީގެއިތުރުން އެޕާޓީން ވަނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫޙާއި ވިންދާ އެއްގޮތަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ނިންމެވުން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުއިކަމާއެކު ކުރުމަށް ގޮވާލާފައެވެ.
ޕީއެންސީން އިތުރަށް ބުނީ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުރުކޮށްފައިވާ މިދަނޑުވަޅުގައި އެ ޢަމަލުތަކާމެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސް ނިންމަވާފައިވާ މުހިއްމު ފިޔަވަޅަށް އެޕާޓީން ތާއީދުކުރާ ކަމަށެވެ.