ދިވެހިރާއްޖޭގައި ބޮއްސުންލައިފައިވާ ބިދޭސީންގެ މައްސަަލައަށް ޙައްލުކުރުމުގެ ގޮތުން ސަރުކާރުން ފަށައިފައިވާ މަސައްކަތްތުގެ ދަށުން ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ ކުރި “އިމިގްރޭޝަން ވޮޗް”އަށް އެންމެ ގިނައިން ހުށަހަޅާއިފައިވަނީ، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަތައް ކަމުގައި އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އެގޮތުން މި އަހަރުގެ ޖުލައިމަހުގެ 17ން ފެށިގެން އޮކްޓޫބަރުމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ތިން މަސްދުވަސްތެރޭގައި އިމިގްރޭޝަން ވޮޗަށް ހުށަހެޅި މައްސަލަތަކުގެ ތަފާސް ހިސާބުތައް އަންމުކުރި އިރު، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 840 މައްސަލައެއް ވަނީ އިމިގްރޭޝަން ވޮޗަށް ހުށަހަޅައިފައެވެ.
އެގޮތުން އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ޢަވާއިދާއި ޚިލާފަށް ވިޔަފާރިކުރަމުން އަންނަ 221 މީހެއްގެ މައްސަލަ އިމިގްރޭޝަން ވޮޗަށް ހުށަހަޅައިފައިވާއިރު، ދާދި ހަމަ ހަމަ އަދަދަކަށް ވޯކް ވިސާއާއި ޚިލާފަށް ރާއްޖޭގައި ޙަރަކާތްތެރިވާ ބިދޭސީންގެ 206މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
އިމިގްރޭޝަން ވޮޗަށް ހުށަހެޅިފައިވާ ބިދޭސީންގެ އިތުރު މައްސަލަތައް:
- ހަށިވިއްކުން – 50
- ގެއްލިގެން ހޯދަމުންދާ މީހުން -32
- ޓޫރިސްޓް ވިސާއާ ޚިލާފުވުން – 10
- ވަޒީފާދޭ ފަރާތުގެ އެއްބަސްވުމާ ޚިލާފުވުން – 9
- ޑްރަގް ޓްރެފިކިންގ – 9
- ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރުން – 7
- އިންސާނީ ވަގުފާރި – 7
- ބޯޑަރ އިންޓެލިޖެންސް – 3
- ވަގު ލިޔެކިޔުން ބޭނުންކުރުން – 2
- އެހެނިހެން – 40
އެގޮތުން އިމިގްރޭޝަނުން ހާމަކުރި ގޮތުގައި އިމިގްރޭޝަނަން ވޮޗަށް ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 596 މައްސަލައަކަށް އިމިގްރޭޝަނުން އެޓެންޑްވެފައިވާއިރު އޭގެ ތެރެއިން ގުޅުންނެތް 174 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ.
އަދި އިތުރު 70 މައްސަލަ ވެރިފައިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
“އިމިގްރޭޝަން ވޮޗް” އަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް ރިޕޯޓްކުރުމަށް އާންމުންނަށް ފުރުސަތު ލިބިގެންދާނެ ޕްލެޓް ފޯމެކެވެ. އެގޮތުން، މި ޕްލެޓްފޯމުން ކޮންމެ ފަރާތަކަށްވެސް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވޭނެއެވެ.