އައިޝަތު ޝާދިޔާ ބަންދުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެމައްސަލަ ބަލައިނުގަތުމަށް ނިންމައިފިއެވެ.
އިޒްރޭލާއި ދެކޮޅަށް އެމްބަސީތައް ކުރިމަތީގައި އަޑުއުފުލުމުގެ ސަބަބުން ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް މިދިޔަ މަހު ހައްޔަރުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ ދެފަހަރު މަތީން ޝާދިޔާ ބަންދުގައި ބަހައްޓަން އަމުރު ނެރެފައެވެ.
ބަންދުގައި ބެހެއްޓުމަށްފަހު ޝާދިޔާ ދޫކޮށްލުމުން، އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ދެ އަމުރުވެސް ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައެވެ. ހައިކޯޓުން މިމައްސަލައިގައި ކުރި ޙުކުމުގައި ވަނީ، ޝާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެގޮތަށް ކްރިމިނަލް ކޯޓުން ނިންމީ ކީއްވެކަން ސާފު ނުވާ ކަމަށާއި ޝާދިޔާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ނިންމީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.
މިއާއިއެކު ދައުލަތުން ވަނީ ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ.