މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 5،000ށް ވުރެއް މައްޗަށް އަރާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ, މިސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700ށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށެވެ.
ޔާމީން ވިދާޅުވީ, މިހާރު މިސަރުކާރުން އުޅެނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ނުކެރިގެން ކަމަށެވެ.
މީގެއިތުރުން، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700ށް ވުރެ އިތުރު ނުވާނަމަ، އޭގެތެރެއިން ވަކިކުރަން ނިންމާފައިވާ 228 މުވައްޒަފުންނަކީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ނުވަތަ ދެބައިކުޅަ އެއްބައިގެ އަދަދެއް ކަމަށާއި، މީގެންވެސް މި ސަރުކާރުގައި ތިބީ 700 ސިޔާސީ މުވައްޒަފުން ނޫންކަން ހާމަވެގެންދާކަމަށް ޔާމީން ބުނެފައިވެއެވެ.
“މި ސަރުކާރުގައި ދެކެވޭ ގޮތުން 5000ށް ވުރެއް މަތީގައި ސިޔާސީ މީހުން ތިބީ. އެވެސް ގައުމީ ސަލާމަތަށް ސިއްރު. އެ ވާހަކައެއް ނުބުނާނެ. އެ ވާހަކަ އެނގިގެން ރައީސް އޮފީސްތެރޭގައި ވަރަށް ބޮޑު ހަމަނުޖެހުންގަނޑެއް ހިނގައިގެން މިދިޔައީ،” ޔާމީން
ޔާމީން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ‘އަދަދު’ ނޫހުން މިސަރުކާރުން 7000 އަށް ވުރެއް ގިނަ މުވައްޒަފުން ސިޔާސީ މަޤާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް ނަގާފައިވާ ކަމަށް ރިޕޯޓު ކުރުމުން، ހުސްވި ހަފްތާގެ އަންގާރަ ދުވަހު ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވަނީ މިކަން ދޮގު ޚަބަރު ދޮގު ކުރައްވާފައެވެ. މިކަމާއި ގުޅިގެން ހީނާ ވިދާޅުވީ “އެއީ ބުހުތާނު ދޮގު ޚަބަރެއް ކަމަށް” ށެވެ.
މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވެސް ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.