ތިމާވެއްޓާއި ރައްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިގް އިބްރާހިމް ވިދާޅުވީ، ލޯ އެމިޝަން ޓްރާންސްޕޯޓްގެ ޕްރޮޖެކްޓްގެ ދަށުން 100 ބައިސްކަލް އެޗްޑީސީއާ ހަވާލުކޮށްގެން އެ ކުންފުނިން އެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ބައިސްކަލްތައް ގެނައުމުގެ ޕްރޮގްރާމްގައި އެޗްޑީސީއާއެކު ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށެވެ.
މި ބެޓަރީ ބައިސްކަލުތަކަކީ، ސޯލާ ޗާޖިން ވެސް ހެދޭ ގޮތަށް ހުންނަ ބައިސްކަލްތަތަކަށް ހެދުމަށް މަސައްކަތް ކުރާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެކަމާއި ގުޅޭ ސިސްޓަމް ހުޅުމާލޭގައި ގާއިމް ކުރުމަށް ދިރާސާތައް މިހާރު ހަދާ ނިމިފައިވާ ކަމަށެވެ.
އެހެންކަމުން ލަސްތަކެއް ނުވެ އެ ކުންފުންޏާއެކު މި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.