ކުރީ ސަރުކާރުން ޚަރަދުތައް ރެކޯޑު ކުރުމުގައި ހަދާފައި ހުރި ގޯސްތައް ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، މާލީ ހިސާބުތައް ބެލެހެއްޓުމުގައި މިދިޔަ ސަރުކާރުން ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ.
އުޝާމް ވިދާޅުވީ، އެ ފައިސާ މިއަހަރުގެ މާލީ މުއާމަލާތްތަކުގެ ތެރޭގައި ހިމެނުމަކީ ޤާނޫނާ ޚިލާފު ކަމަކަށްވާނެތީ އެ މައްސަލައާ މެދު އަމަލުކުރާނެ ގޮތެއް މިހާރު ބަލަމުންދާ ކަމަށާއި އެކަމުގައި ގޮތެއް ނިންމޭނީ އޮޑިޓާ ޖެނަރަލް ދެއްވާ ލަފައެއް ބެލުމަށްފަހު ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އެކަމާ ގުޅޭ އޮޑިޓާ ޖެނަރަލްގެ ރިޕޯޓް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެއިތުރުން ކުރީ ސަރުކާރުން ޚަރަދު ކުރުމަށްފަހު ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ގިނަ ހިސާބުތައް ޖަހާފައިވާ ކަމަށާއި އެއީ ޤާނޫނު އަސާސީ އާއި މާލިއްޔަތާ ގުޅޭ ޤަވާއިދާ ޚިލާފަށް ކުރަމުންދިޔަ ކަމެއްކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ، މިކަމުގައި ހަދާފައި ހުރި ގޯސްތައް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށާއި މިއީ ފަސޭހައިން ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ.
“މި ފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،” އުޝާމް
މީގެކުރިން ކޮންމެ ހަފްތާއަކު އާންމުކުރަމުންދިޔަ ދައުލަތުގެ އާމްދަނީއާއި ޚަރަދު ތަފްސީލް މިދިޔަ ޖޫން މަހުން ފެށިގެން ހާމަކުރުން ހުއްޓާލީވެސް ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާއެއްގެ މައްސަލަ ފާހަގަވި ހިސާބުން ކަމަށް މިބައްދަލުވުމުގައި ވާހަކަދައްކަވަކުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވިއެވެ.