ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ހިންގުނު “ބިންވެރިޔާ” އަދި “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ދޫކުތި ގޯތިތަކާއި ފްލެޓްތައް ނުދީ ލަސްވާކަމުގެ ކަންބޮޑުވުންތަކާއެކު އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ބޭރުގައި މިއަދު މުޒާހަރާކޮށްފިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލިހުގެ މެމްބަރުންވެސް ހިމެނޭހެން އެ ޕާޓީގެ އެކްޓިވިސްޓުން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
އެގޮތުން މި ދެ ސްކީމުގެ ދަށުން ގޯތިތަކާއި ފްލެޓްތައް ހަވާލުނުކޮށް ލަސްވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައިވެސް ޝުއޫރުފާޅުކޮށް އަޑު އުފުލައިފައެވެ.
މި މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ޝަކުވާއަކަށް ވެފައިވަނީ ފެލްޓްތައް ނުދީ ލަސްވަމުން ދިއުމާއި އެކަމާއި ގުޅިގެން އެކިއެކި ފަހަރުމަތިން އެކަން ލަސްކުރުމަށް ސަރުކާރާއި ހައުސިންގް މިނިސްޓްރީން ބަހަނާ ދައްކަމުން ދިއުމެވެ.
އެގޮތުން “ބިންވެރިޔާ” އަދި “ގެދޮރުވެރިޔާ” ސްކީމުގެ ގޯތިތަކާއި ފްލެޓްތައް ލިބުނު އާންމުން ވަނީ އެމީހުންގެ ޝުޢޫރުތައް ހިމެނޭ ބޯޑުތަކާއެކު މަޖިލީހުގެ އިދާރާގެ ބޭރުގައި އަދު އުފުލައިފައެވެ.
އަދި މި ފްލެޓްތައް ދިނުން އަވަސް ކުރުމަށް އެ އެއްވުމުގައި ބައިވެރިވެވަޑައިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ވަނީ ގޮވާލައްވައިފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.
އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4000 ފުލެޓު ތަރައްގީ ކުރަމުން އަންނައިރު، ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޖިނާއީ ތަހުގީގެއް ކޮށްފައެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ބުނެފައިވަނީ، ވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން %60 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އަންގާފައިވެއެވެ.
އޭގެ ފަހުން ހައުސިން މިނިސްޓްރީން ވަނީ، އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމްތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އަދި އެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް މި މަހުގެ ނިޔަލަށް އާންމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް އެ މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.