-Advertisement-

-Advertisement-

އިތުރު 10 ރަށަކަށް ދިން ހުއްދައާއެކު އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރުމުގެ ހުއްދަ ޖުމުލަ 39 ރަށަކަށް!

ޓްރެފިކް ފުލުހުން މަގުތަކުގައި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމާއި ދޫކުރުން އިތުރު 10 ކައުންސިލެއް މެދުވެރިކޮށް ނެގުމަށް ޓްރާސްޕޯޓް މިނިސްޓްރީން ދިނުމާއެކު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމުގެ ހުއްދަ އޮންނަ ރަށްތަކުގެ އަދަދު 39ށް އަރައިފިއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ހުއްދަ އަލަށް ދިން 10 ރަށަކީ:

  • ހއ. މޮޅަދޫ ކައުންސިލް
  • ހއ. އިހަވަންދޫ ކައުންސިލް
  • ބ. ކެންދޫ ކައުންސިލް
  • ވ އަތޮޅު ކައުން
  • ހއ. ކެލާ ކައުންސިލް
  • ތ. ވިލުފުށި ކައުންސިލް
  • ރ. ހުޅުދުއްފާރު ކައުންސިލް
  • ފ. ދަރަނބޫދޫ ކައުންސިލް
  • ގދ. ގައްދޫ ކައުންސިލް
  • މ. ދިއްގަރު ކައުންސިލް

މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރީން ބުނެފައިވަނީ ލައިންސަން ދޫކުރުމުގެ ޚިދުމަތަކީ، އިތުބާރު ހިފޭ ގޮތަށް ދެވޭ ޚިދުމަތެއް ގޮތުގައި ހެދުމަށްޓަކައި އެކަމަށް ބޭނުންވާ ތަމްރީނު އެ ރަށްރަށުން ކަނޑައެޅިފައިވާ މީހުންނަށް ދެވިފައިވާކަމަށެވެ.

މީގެ އިތުރުން ލައިންސަން ނެގުމުގެ ކުރިން ހަދަން ޖެހޭ ޢަމަލީ އިމްތިޙާނު ހެދުމުގެ އުސޫލުތަލަށް ބޮޑޮ ބަދަލުތަލެއް ގެނައުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ދާކަން ހާމަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ މަޝްވަރާތައް ކުރިއަށް ދަނީ، އަމަލީ އިމްތިޙާނުތައް ހެދުން ފުލުހުންގެ ބެލުމުގެ ދަށުން ނުވަތަ މިކަމުގެ ހަރުދަނާ ސިސްޓަމެއް ގާއިމުކޮށްފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާގޮތަށް ބަދަލުކުރުމަށް ކަމުގައެވެ.

އެގޮތުން ލައިސަންސް ދޫކުރުމުގެ ހުއްދަ ދީފައިވާ ބައެއް ކައުންސިލްތަކުން މީގެ ކުރިން އެ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ މިންގަނޑުން ބޭރުން އެ ޚިދުމަތް ދެމުން އައިކަން ފާހަގަވެފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ހަމައެޔާއެކު އެސެސްކުރުމަކާއި ނުލައިވެސް ބައެއް ކައުންސިލްތަކުން ލައިސަންސް ދޫކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، އެފަދަ ފަރާތްތަކާއި މެދު އެ މިނިސްޓަރީގެ ސިޔާސަތުތައް ހުރީ ވަގުތުން ހަރުކަށި ފިޔަވަޅު އެޅުމަށް ކަމަށެވެ.

އޭގެ ތެރެއިން ހުއްދަ ދެވިފައި ހުރި ދާއިރާތައް އޮޑިޓު ކުރުމަށް ފަހުގައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރަން ވަގުތު ދިނުމަށް ފަހު ރަނގަޅު ނުވާ ކަމަށް ވާނަމަ ދެވިފައި ހުރި ހުއްދަތައް ބާތިލު ކުރާ ހިސާބަށްވެސް ދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި މީގެ މަހެއްހާ ދުވަސްކުރިން ގާތް ގާތުގައި ނުރައްކާތެރި އެކްސިޑެންތަކެއްގައި ފުރާނަތަކެއް ގެއްލުމާއި އެޔާއި ހަމަ ވިދިގެން އެދުވަސްވަރު ނުރައްކާތެރި އެކްސިޑެންޓްތައް ގިނަ ވުމުގެ ސަބަބުން އެއްގަމު ދަތުރުފަތުރުކުރުމުގެ އުސޫލުތަކާއި ޤަވައިދުތައް ހަރުކަށިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ރައީސް ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

އެގޮތުން މި އުސޫލުތަކުގެ ތެރެއިން މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރެއްވުމަށް ތައްޔާރަށް ތިއްބެވި ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން އޭރު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-