ހިޔާ ފްލެޓްގެ އެޕަރޓްމަންޓެއްގެ ތެރޭގައި އަމިއްލަ މަންމައަށް އަނިޔާކޮށް ވަޅިން ބިރުދައްކައި މަންމަގެ އަތުން ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
މި ހާދިސާ ހިނގައިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ އިރުއޮއްސި ހާއިރުއެވެ. ފުލުހުން ހާމަކުރި ގޮތުގައި އެދުވަހުގެ އިރުއޮއްސި 18:17 ހާއިރު، ހިޔާގެ 13 ނަންބަރު ޓަވަރުގެ އެޕާޓްމަންޓަކުން އަންހެނަކު ރޯއަޑު އިވިގެން ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެ އެޕާޓްމަންޓަށް ގޮސްޓަކިޖެހުމުން އަންހެނަކު ދޮރުހުޅުވައިފައިވާކަމަށެވެ.
އަދި އޭނާއާއި ސުވާލުކުރުމުން އޭނާގެ ދަރިފުޅު އޭނާއަށް އަނިޔާކޮށް، ބިރުދައްކާ، ފޯނު ފޭރިގެން ގޮސްފައިވާކަމަށް އެ އަންހެން މިހާ ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ، އެ އަންހެން މީހާއަށް އަނިޔާތަކެއް ލިބިފައިވާކަމަށާއި ލިބުނު މީހާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އެރޭ ދޫކޮށްލައިފައިވާކަމަށެވެ.
މި މައްސަލައިގައި ކޯޓުއަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ، ހ. އެހަޑަ، އުމުރުން މުހައްމަދު އިސްމާއީލެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މުހައްމަދު އިސްމާއީލްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
ބިރުދައްކައި އަނިޔާ ކުރުމުގެ މައްސަލައެއްގައި މި އަހަރު ތެރޭގައިވެސް ހިޔާ ފްލެޓްގެ އެޕަރޓްމަންޓަކުން މީހަކު ހައްޔަރުކުރިއެވެ. މި ހާދިސާ ހިނގައިފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭގައެވެ. އެގޮތުން އެޕާޓްމަންޓެއްގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައި ފުލުހުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.