ތަރައްޤީގެ މަސައްކަތްތަކުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް އަމަލީގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
މިއަދު ބޭއްވި ކޮމަންވެލްތު ބިޒްނަސް ފޯރަމް، އައިލެންޑް ލީޑާސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
މިބައްދަލުވުމުގައި އެމަނިކުފާނު ވަނީ ސިޑްސްގެ ހުރިހާ ގައުމަކަށް ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ކަންތައްތަކެއް ވަނީ ހުށަހަޅުއްވާފައެވެ. އެގޭތެރޭގައި ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ފަރާތްތައް ޝައުޤުވެރިކުރުވުމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށް ޕްރައިވެޓް ސެކްޓާ ހަރުދަނާކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ.
މީގެއިތުރުން، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ތަފާތު ތިމާވެށީގެ ނިޒާމުތަކަށް އަލިއަޅުއްވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކާއި، މާލީ އެހީ ހޯދުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހެންކަމުގައިވީ ނަމަވެސް، ރާއްޖެ އަކީ ނާޒުކުކަން މާނަކުރަން ދެކޮޅު ހަދާ ގައުމެއްކަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ ރާއްޖެ އާއި އެހެނިހެން ސިޑްސް އަކީ އަމިއްލަ ކުރިމަގު އަމިއްލައަށް ބަލަހައްޓަން ޖެހިފައިވާ ޤައުމުތަކެއް ކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް އިތުރަށް ވިދާޅުވީ, 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުވުމުގެ ތަސައްވުރާއެކު، މިހާރަށްވުރެ ހަރުދަނާ، ތަނަވަސް ރާއްޖެއެއް ގާއިމުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްވަރުގަދަ، އުއްމީދީ ތަޞައްވުރުގެ ގެންގުޅުއްވާ ކަމަށެވެ.
މީއާއިއެކު އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ ވިޔަފާރިވެރިން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖެއާއެކު ހިއްސާ ކުރެވޭ ތަނަވަސްކަމަށް ދިއުމަށް ރާއްޖެއިން ކުރާ ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ކޮމަންވެލްތުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާފައެވެ.