ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ހުށަހަޅުއްވާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން މާދަމާ ހެނދުނު 11:00 ޖަހާއިރު އޮންނަ މަޖިލީހުގެ ޖަލްސާގައި ސަރުކާރުން ހުށަހަޅުއްވާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއި އެ ބަޖެޓާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުން އޮންނާނެއެވެ.
މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދަޅުވީ ދައުލަތުގެ ކޭޝްފްލޯއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި، ޚަރަދުތައް ފޫބެއްދުމަށް ސަޕްލިމެންޓަރީ ބަޖަޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށާއި ސަޕްލިމެންޓަރީ ބަޖެޓް ވީހާވެސް ކުޑަކުރުމަށްކަމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހަރަދު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންދާ ފިޔަވަޅުތަކާއެކު ސަޕްލިމެންޓަރީ ބަޖެޓް އުޅޭނީ 5 ބިލިއަނެއްހާ ރުފިޔާގައިކަމަށެވެ.
މާދަމާ ޖަލްސާއަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށް އެޖެންޑާކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުން ޚަރަދުތައް ފޫނުބެއްދޭތީ މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުތަކުގައި ވެސް އޭރުގެ ސަރުކާރުން ވަނީ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައެވެ.
މިކަމާއި ގުޅޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، މީގެކުރީ ސަރުކާރުތަކުން ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަމުން އައީ ޤާނޫނާއި ޚިލާފަށްކަމަށާއި ޚަރަދުތައް ކުރުމަށްފަހު އެ ޚަރަދުތައް ފޫބެއްދުމަށް މަޖިލީހަށް ބަޖެޓު ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަނީ ޤާނޫނުގައިވާ ގޮތުގެ މަތީންކަމަށް އުޝާމް ވިދާޅުވިއެވެ.
މި އަހަރު ރައްޔިތުންގެ މަޖިލީހުން 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5 ވަރަކަށް ބިލިއަން ރުފިޔާގެ ހުށަހަޅަން ޖެހޭނެއެވެ.