ރާއްޖެއިން ކޮމަންވެލްތާއެކު އިތުރަށް ގުޅުން ވަރުގަދަ ކުރާނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާ ވިދާޅުވެއްޖެއެވެ.
ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ވާހަކަދައްކަވަމުން ކޮމަންވެލްތުން ރާއްޖެއަށް އެކި ރޮނގުތަކުން ފޯރުކޮށްދޭ އެހީއަށް ޝުކުރު އަދާކުރައްވާ ވަޒީރު ވަނީ، ކޮމަންވެލްތާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، ކޮމަންވެލްތުގެ އުޞޫލުތައް ރާއްޖެއިން ނަގަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޚަލީލް ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ ކަންތައްތަކަށް ރާއްޖެއިން އިސްކަންދޭކަމަށާއި، އެގޮތުން ވިލުނުވެރި މުޖުތަމަޢުތަކާއި، ޑިމޮކްރަސީގެ އުޞޫލުތައް ނެގެހެއްޓުމާއި، ވިލުނުވެރި އިޤްތިޞާދުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރެވޭނެ މަގު ފަހިކޮށް މި އަހަރުގެ މެއި މަހުގައި ބޭއްވުނު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރު ވަނަ ބައްދަލުވުމުގައި ފާސްކުރެވުނު “އެންޓިގާ އެންޑް ބާބުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (އަބާސް)” ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
ޚަލީލު އިތުރަށް ވިދާޅުވީ ދުނިޔެ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ޑިމޮކްރަޓިކް އުޞޫލުތައް ނަގަހައްޓައި، ނާޒުކު ޤައުމުތައް ހިމާޔަތްކުރުމަށް ބޭނުންވެފައިވާ ކަމަށެވެ.
ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން، ކޮމަންވެލްތުގެ ގައުމުތަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ކޮމަންވެލްތުން ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ވެސް މަޝްވަރާކުރެވޭނެއެވެ.