ކަރަންޓާއި ގުޅޭ ދާއިރާއިން އަންހެނުން ތަމްރީނު ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޚާއްސަ ކޯހެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
“ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން” ގެ ނަމުގައި ސްޓެލްކޯއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހަކީ އިލެކްލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، އެ ދާއިރާގައި ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ހިންގޭ ކޯހެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުގައި މި ކޯހުގައި ކަރަންޓާ ގުޅޭ އަސާސީ ކަންކަމާއި، ރައްކާތެރިގޮތުގައި ކަރަންޓު ބޭނުންކުރުމާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމުގެ އިތުރުން، ކަރަންޓު ވަޔަރުކުރުމުގެ އަސާސީ ކަންކަން ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު، 16 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ވެސް ކޯހުގައި ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
އެއްވެސް ފީއެއް ނުނަގާނެ މުޅިން ހިލޭ ކިޔެވޭ މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާލޭގައެވެ.
މިކޯސް ކުރިއަށް ދާނީ ހަތަރު ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.