ހަޤީގަތާއި ޚިލާފު ދޮގު މައުލޫމާތު ފަތުރާ ވެބްސައިޓްތައް ބްލޮކްކޮށް އެފަދަ ވެބްސައިޓްތަކާއި މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)އިން ނިންމައިފިއެވެ.
ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ އޮންލައިން ނޫހެއް ކަމަށްވާ “ދިޔަވަރު” ނޫހުގައި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ބެހޭގޮތުން ހަޤީގަތާއި ޚިލާފު ދޮގު ޚަބަރުތައް ފަތުރަމުން އަންނަ މައްސަލައިގައި މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރެޖިސްޓްރީ ނުކޮށް ހިންގާ މި އޮންލައިން ނޫހުގައި ޙަޤީގަތާއި ޚިލާފު އަދި މީހުންގެ ޢަބުރަށް ހުތުރުވާގޮތައް ގިނަ ޚަބަރުތަކެއް ޝާޢިއު ކުރަމުން އަންނަ ކަމުގެ ޝަކުވާތައް އެ ކައުންސިލަށް އަންނަމުންދާކަމަށެވެ.
އެގޮތުން އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ، ޚަބަރު ފަތުރާ ނޫސްތަކާއި ގުޅޭ ތަފާތު އެކި 77، މައްސަލައެއް މި އަހަރުގެ ތެރޭގައި މީޑިޔާ ކައުންސިލަށް ލިބުނު އިރު އޭގެ ތެރެއިން 63 މައްސަލައަކީ ދިޔަވަރު ނޫހާއި ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތައް ކަމަށެވެ.
އެގޮތުން ނޫހާއި ދެކޮޅަށް ހުށހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި، “ދިޔަވަރު” ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުންތަކާއި ފޮޓޯތަކާއި ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭކަން ފާހަގަކޮށް މީޑިޔާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ، ދިޔަވަރު ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލްގެ ޤާނޫނާއި ޤަވައިދާ މީޑިއާތަކުން އަމަލުކުރަންޖެހޭ އަޚުލާޤީ މިންގަނޑާއި ޚިލާފު ލިޔުންތަކެއްކަން އެ ކައުންސިލުން ބެލި ބެލުމުން ފާހަގަވެފައިވާކަމަށެވެ.
މީގެ އިތުރުން ދިޔަވަރު ވެބްސައިޓުން ޝާޢިއުކުރާ ޚަބަރުތައް ލިޔުމުގައި މަސްދަރު ބަލައި އެކަމުގެ ދޮގުތެދު ކަށަވަރު ނުކުރާކަން ފާހަގަވެފައިވާކަމަށް މީޑިއާ ކައުންސިލަށް ފާހަގަވެފައިވާކަމަށްވެސް އެ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީޑިޔާކައުންސިލުން އިތުރަށް ބުނީ، އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ކޮންޓެންޓު ފެތުރުމާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ އާއި ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކުރާ ވެބްސައިޓުތަކާއި ދެކޮޅަށް ފިޔަވަޅު އަޅައި އެ ވެބްސައިޓުތައް ބްލޮކް ކުރާނެ ކަމަށެވެ. އަދި ހަގީގަތާ ޚިލާފު ޚަބަރު ފަތުރާ ނަމަ އެފަދަ ފަރާތްތަކުގެ މައްސަލަތައް އާންމުންގެ ސަމާލު ކަމަށް ގެންނާނެ ކަމަށްވެސް އެ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.