ވެރިކަންކުރާ މައި ޕާޓީ (ޕީއެންސީ) އަށް 65،000 މެންބަރުން ހަމަކުރެވިއްޖެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިއަދު ވަނީ މާލެއާއި އައްޑޫސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ގޮތުން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
އެގޮތުން މިއަދު މާލޭގައި ބޭއްވި ހަރަކާތުގައި ޕީއެންސީގެ ލީޑާޝިޕްގައި ހިމެނޭ ފަރާތްތަކުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ބައިވެރިވެފައިވާއިރު، މިހަރަކާތް ފެށުމުގެ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފަލާހު ވިދާޅުވީ ވޭތުވެދިޔަ ދެ މަސް ތެރޭގައި ޕީއެންސީއަށް 65،000ށް ވުރެން ގިނަ މެންބަރުން ވެއްދިފައިވާ ކަމަށެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ޕާޓީއަށް 75،000 މެންބަރުން ހަމަކުރުމަކީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.
އެހެންކަމުން އެމަނިކުފާނު އެދިލައްވާ ފަދައިން މިއަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން 000’75 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށާއިގެން ކުރިއަށްދާ ކަމަށް ފަލާހު ވިދާޅުވިއެވެ.
“ގާތްގަނޑަކަށް ވޭތުވެ ދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕާއި އަދި އަޅުގަނޑުމެންގެ މިކަމާ ގުޅުން ހުރި ޓީމްތަކުން ކުރި މަސައްކަތުން 65،000 ހަށްވުރެ ގިނަ މެންބަރުން މިއަދާ ހަމައަށް ހަމަވެއްޖެ” ފަލާހު
ޕީއެންސީން މިއަދުގެ އިރުއޮއްސުމާއި ހަމައަށް ކުރިއަށް ގެންދާ މިހަރަކާތް މާލޭގެ ހަތް ދާއިރާއެއްގައި ކުރިއަށް ގެންދާއިރު، އައްޑު އަތޮޅާއި ބައެއް އެހެން އަތޮޅުތަކުގައި ވެސް މި ހަރަކާތް ކުރިއަށްދާ ކަމަށް ފަލާހު ވިދާޅުވިއެވެ.
މިހަރަކާތުގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ އިސް ބޭބޭފުޅުންގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕީއެންސީ ހާމަކޮށްފައިވާ ގޮތުގައި އެޕާޓީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޕާޓީއަށް 000’75 މެންބަރުން ހަމަކުރުމެވެ. އިލްކްޝަން ކޮމިޝަނުން އެންމެފަހުން ހުސްވި ސެޕްޓެމްބަރު މަހު އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ސެޕްޓެމްބަރު މަހުގެ 18 ގެ ނިޔަލަށް އެޕާޓީގައި ތިބީ 28،983 މެންބަރުންނެވެ.