ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން ކ ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި 39 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެއްސިއެވެ.
އެގޮތުން ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށް ގެންދާ ރެއިޑްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން މި މަހުގެ 24 ވަނަ ދުވަހު އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދާއި ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާންގެވެސް އަމަލީ ބައިވެރިވެ ވަޑައިގަތުމާއެކު، ކ ގުރައިދޫގައި ކުރިއަށް ގެންދިޔަ ޚާއްސަ ރެއިޑްގެ ތެރެއިން ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާގެ އިތުރުން ނައިޖީރިއާއަށް ނިސްބަތްވާ ބިދޭސީން ހިމެނޭހެން 39 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
އެގޮތުން މާލެ ސަރަހައްދުގައި އިމިގްރޭޝަންގެ ރެއިޑްތައް ފެށުމާއެކު ގިނަ އަދަދެއްގެ ބިދޭސީންނެއް އަތޮޅުތެރޭގެ އެކި ރަށްރަށަށް ފުރައިގެން ދިޔަ ކަމުގެ ޝަކުވާތަށް ލިބެމުން އައި ކަމަށާއި މިއަދު ގުރައިދޫގައި ކުރިއަސް ގެންދެވުނު ރެއިޑްއަކީ އެފަދަ ޝަކުވާތަކަށް އިޖާބަދީ އެ އިދާރާއިން ހިންގަމުން އަންނަ ރެއިޑްތައް އަތޮޅުތެރެއަށް ފުޅާކޮށްލުމަށް ފެށުނު ރެއިޑެއް ކަމުގައި އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއެވެ.
މިއަދު ހެނދުނު 10:30ން ހަވީރު 05:30ށް ކ ގުރައިދޫގައި ކުރިއަށް ގެންދިޔަ މި ރެއިޑްގައި އެމިގްރޭޝަންގެ އޮފިސަރުން ޖުމުލަ އަށް ގްރޫޕަކަށް ބަހާލައިގެން ވަނީ، އެރަށުގެ 42 ތަނެއް ބަލައި ފާސްކޮށްފައެވެ. އެގޮތުން މި ރެއިޑްގެ ތެރެއިން 106 ބިދޭސީންނާއި ސުވާލުކޮށް އޭގެ ތެރެއިން ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުންދީ ވަޒީފާ ދިން 5 ދިވެހިންނަށް ލިޔުމުންވަނީ ނަސޭޙަތްދީފައެވެ.
އިމިގްރޭޝަނުން މި އޮޕަރޭޝަން ހިންގަނީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށެވެ.
އެގޮތުން މި އޮޕަރޭޝަންގެ ތެރެއިން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 4000ށް ވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާކަމަށާއި ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި 5000 ބިދޭސީން ޤައުމަށް ފޮނުވާލުން ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދު މި ފަހުން ވަނީ ވިދާޅުވެފައެވެ.
އަދި މި އަމާޒަށް ވާޞިލްވެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތްކަމުގައިވެސް އެ ބޭފުޅާ ވިދާޅުވިއެވެ.