އަންނަ މަހު ޑޮމެއިންގެ ޚިދުމަތް އަލުން ފަށަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާއްމޮށްފައިވާ ނޫސްބަޔާނެއްގައި ބުނީ، މިނިސްޓްރީގެ އަމާޒަކީ އެ ޚިދުމަތް އަލުން ފެށިގެންދާއިރު ރެކޯޑުތައް ބަލަހައްޓާ އަދި މޮނިޓާ ކުރާނެ ހަރުދަނާ ނިޒާމާއި ހަރުދަނާ ޤަވާއިދެއް އެކުލަވާ, ޤަވާއިދާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 10 މަސް ތެރޭގައި ކުރެވުނު މަސައްކަތުން އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، އެޚިދުމަތް ފޯރުކޮށްދިނުމުގައި ދޫކުރެވޭ ހުރިހާ ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާސްތައް އެކުލެވޭ ލިޔެކިޔުންތަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، މި ބަދަލުތަކާއެކު އަލުން ޑޮމެއިންގެ ޚިދުމަތް ފަށާއިރު މިހާރު އަމަލު ކުރަމުން އަންނަ އުސޫލުތަކާއި ޤަވާއިދުތައް އިސްލާހު ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ހަމައެފަދައިން މިމަސައްކަތުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަންނާނެ ކަމެއް އެކުލެވިގެން ނުވާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ އަރުވާފައެވެ.
މިނިސްޓްރީގެ މަޤުސަދަކީ ޑޮމެއިން ޚިދުމަތަކީ އެންމެންގެ އިތުބާރު ލިބިފައިވާ ޚިދުމަތަކަށް ހެދުން ކަމަށް ވެސް މިނިސްޓްރީން އާއްމުކޮށްފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިންގެ ޚިދުމަތް ދިނުން ހުއްޓައިލީ، މިދިޔަ ސަރުކާރުގައި ޑޮމެއިން ނަންބަރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ.