ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރި ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިމަހު ހާއްސަ އޮޕަރޭޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއޮޕަރޭޝަންގެ ތެރެއިން މިފަދަ 5 މައްސަލައަކާއި ގުޅިގެން 7 ބިދޭސީ އަންހެނަކާއި އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީ ފިރިހެނަކު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދީފައިވެއެވެ.
މީގެއިތުރުން، މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ފަސް އަންހެނަކު އަދި އެއް ފިރިހެނަކު މިހާރު ޑީޕޯޓުކޮށްލާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި އަނެއް ތިން ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން އަތުލައިގެންފައިވަނީ ކޮން ޤައުމަކަށް ނިސްބަތްވާ މީހުން ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.