ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2025 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް 68 ކޯހަކާއެކު އެ ޔުނިވަރސިޓީގައި ކިޔެވުމުގެ ފަހި ފުރުސަތުތަކަކަށް ހުޅުވާލައިފިއެވެ.
އެ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކް ގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުުރުސަތަށް ހުޅުވާލައި، އިސްލާމީ ޔުނިވަރސިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މައިގަނޑު 9 ދާއިރާއަކު 68 ކޯހެއްގައި ބައިވެރިވުމަށްޓަކައި ފޯމުހުށަހެޅުމުގެ ފުރުސަތު އެ ޔުނިވަރސިޓީން ހުޅުވާލާކަމަށެވެ.
އެގޮތުން އެ ދާއިރާތަކަކީ:
-
ޤުރްއާން
-
ޝަރީޢާ އެންޑް ލޯ
-
ފިޤްހް
-
އިސްލާމިކް ސްޓަޑީޒް
-
ލޭންގްއެޖް، އެޑިޔުކޭޝަން
-
ފައިނޭންސް، އެކައުންޓިން
-
ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
-
މެނޭޖްމެންޓް އަދި ޖަރނަލިޒަމް
އެގޮތުން އިސްލާމީ ޔުނިވަރސިޓީން އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރުގައި، ޕީއެޗްޑީ ލެވެލްގެ 3 ކޯހާއި، މާސްޓަރސް ލެވެލްގެ 17 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 1 ކޯހަކާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ 2 ކޯހެއް އަދި ޑިޕްލޮމާގެ 11 ކޯހަކާއި އެކު ސެޓްފިކެޓް ލެވެލް ގެ ޖުމްލަ 19 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އަދި މި ކޯސްތަކުގެ ތެރެއިން ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް ސަރުކާރުގެ ހިލޭޑިގްރީގެ ތެރެއިން %100 (ސަތޭކަ އިންސަތަ) ޓިއުޝަންފީ ހިލޭ ކޯސްތައްކަމަށްވެސް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.
ހަމައެޔާއެކު އެ ޔުނިވަރސިޓީން އިއުލާނުކޮށްފައިވާ ކޯސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ ޔުނިވަރސިޓީގެ އެކި ލަރނިންގް ސެންޓަރުތައް މެދުވެރިކޮށްވެސް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އެއީ، ރ. އުގޫފާރު، ޅ. ނައިފަރު، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލަކު ސިޓީ ގެ އިތުރުން ސ. މީދޫގައި ޤާއިމު ކުރެވިފައިވާ އެ ޔުނިވަރސިޓީގެ ލަރނިން ސެންޓަރުތަކުންނެވެ.
އެގޮތުން، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 2024 ޑިސެމްބަރު 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެ ޔުނިވަރސިޓީން އެދެއެވެ.
ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:
-
ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
-
ލިބިފައިވާ ސަނަދުތަކުގެ ސާފު ކޮޕީ .
-
އައިޑީކާޑުގެ ސާފު ކޮޕީ.
-
ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.
-
2 ބޭފުޅެއްގެ ރިފަރެންސް ލެޓާރ (ޕީ.އެޗް.ޑީ ކޯހަށް ފޯމު ހުށަހަޅާ ފަރާތްތަކުން އެކަނި)
-
ކޮންސެޕްޓް ޕޭޕަރ (ޕީ.އެޗް.ޑީ ކޯހަށް ފޯމު ހުށަހަޅާ ފަރާތްތަކުން އެކަނި)
މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު އިސްލާމީ ޔުނިވަރސިޓީގެ މައި ކެމްޕަހުގެ ރިސެޕްޝަންގެ އިތުރުން، ރ. އުގޫފާރު އައިޔޫއެމް ލާރނިންގ ސެންޓަރ (އުގޫފާރު އިސްލާމީ މަރުކަޒު)، ޅ. ނައިފަރު އައިޔޫއެމް ލާރނިންގ ސެންޓަރ (ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)، ލ. ފޮނަދޫ އައިޔޫއެމް ލާރނިންގ ސެންޓަރަށް (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، އައިޔޫއެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީ (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)، އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރުންވެސް ލިބެން ހުންނާނެ ކަމަށާއި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމުގައިވެސް އިސްލާމީ ޔުނިވަރސިޓީން ބުނެއެވެ.
އިސްލާމީ ޔުނިވަރސިޓީން އިތުރަށް ބުނެފައިވަނީ، އެ ޔުނިވަރސިޓީން އަންނަ ސެމިސްޓަރުގައި ފަށާ ބައެއް ކޯސްތައް އޮންލައިންކޮށްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކަށް ރަށުގައި ނުވަތަ ގޭގައިވެސް ތިއްބަވައިގެން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޔުނިވަރސިޓީން ކުރަމުން އަންނަ މަސައްކަތަށް ގެތޭ އިތުރު ބޮޅެއް ކަމުގައި އިސްލާމީ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ފާހަގަކޮށްލެވެނޭ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދޭ އެއް މުއައްސަސާގެ ގޮތުގައެވެ.