މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން މެޑަމް ސާޖިދާ މުޙައްމަދު، ޓެންޒެނިޔާގެ ދާރުއްސަލާމަށް ވަޑައިގެންފިއެވެ.
އެކަމަނާއަށް ޓެންޒެނިޔާގެ ދާރުއްސަލާމްގެ ޖޫލިޔަސް ނިޔެރޭރޭ ބައިނަލްއަޤުވާމީ މަރުޙަބާ ވިދާޅުވީ، ޓެންޒޭނިޔާގެ މިނިސްޓަރ އޮފް ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ޖެންޑަރ، ވިމެން އެންޑް ސްޕެޝަލް ގްރޫޕްސް، އޮނަރަބަލް ރިޒީކީ ޖޫމާއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިދަތުރުފުޅުގެ ރަސްމީ ހަރަކާތްތަކުގެތެރޭގައި ހިމެނިގެން، ފަސްޓް ލޭޑީސްގެ މަތީފަންތީގެ ޕެނަލްގައި އެކަމަނާ ކީނޯޓް ތަޤުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި ވެސް އެކަމަނާ ވާހަކުފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ އަކީ، ސިއްޙީ ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅާ މީހުންނާއި، ދާރިސުން އެއްތަނަކުން ބައްދަލުވެ، އަންހެނުން ބާރުވެރިކުރުވުމާއި، ބަލިތައް މެނޭޖުކުރުމާއި، އެފްރިކާ އާއި އޭޝިޔާގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް އަތްފޯރާފަށަށް ގެނައުމުގެ މަސައްކަތް ފުޅާކުރުން ފަދަ މައުޟޫޢުތަކަށް މަޝްވަރާކުރާ އަހަރީ ކޮންފަރެންސެކެވެ.