މިއަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓްގެ އިތުރުން ސަރުކާރަށް ބޭނުންވެގެން މަޖިލިހަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓް، ސަރުކާރުން ހުށަހެޅިގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
މި ބަޖެޓް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ، ފިނޭންސް މިނިސްޓަރ މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓް މަޖިލިހަށް ހުށަހެޅުމުން އެ ބަޖްޓް ދިރާސާ ކުރުމަށް މަޖިލިހުގެ ބަޖްޓްކޮމެޓީއަށް ފޮނުވައި އެ ކޮމެޓީން ފާސްކޮށޤ މަޖިލިހަށް ފޮނުވުމުން މިއަދު ބޭއްވު މަޖިލިހުގެ ޖަލްސާގައި ބަޖެޓް ފާސްކުރުމާއި މެދު ގޮތެއް ނިންމުމަށް ނެގުނު ވޯޓްގައި 75 މެންބަރުންގެ ވޯޓާއެކުއެވެ.
ބަޖެޓް ފާސްކުރުމަށް ނުފެންނަ ކަމަށް 11 މެމްބަރަކު ވަނީ ވޯޓް ދެއްވައިފައެވެ.
މި ބަޖެޓް ފާސްކުރުމާއެކު މި އަހަރަށް ޖުމްލަ ސަރުކާރުގެ ބަޖެޓްގެ ގޮތުގައި ކަނޑައެޅި އަދަދު މިވަނީ، 55 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ސަޕްލިމަންޓްރީ ބަޖެޓް މަޖިލިހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މި އަހަރަށް އެކުލަވާލައިފައިވާ ދައުލަތުގެ ބަޖެޓަކީ މިދިޔަ ސަރުކާރުން އެކުލަވާލި ބަޖެޓަކަށް ވާއިރު އެ ބަޖެޓުގައި މަޝްރޫއުތަކަށް އާދަޔާ ޚިލާފު ދަށް އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓު ތައްޔާރުކޮށްފައިވާކަމަށެވެ.
މީގެ އިތުރުން މި އަހަރުގެ ސަޕްލިމަންޓްރީ ބަޖެޓް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވަނީ އަހަރަށް ކަނޑައެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު އެއްކޮށް ހުސްނުވަނީސް ކަމަށާއި، މިހާތަނަށް އެ ބަޖެޓުން ޚަރަދުކުރެވިފައި ވަނީ، ބަޖެޓްގެ 76 އިންސައްތަ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަޕްލިމަންޓްރީ ބަޖެޓްގެ ގޮތުގައި މިއަހަރު ބަޖެޓް މަޖިލިހަށް ހުށަހަޅަން ޖެހުނީ، މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބައެއް ދާއިރާތަކުން ޚަރަދުކުރަން ޖެހުމުންކަމުގައި ސަރުކާރުން ހާމަކުރެއެވެ.
ބަޖެޓް ބަހުސް ވަނީ މިއަދު ހަވީރާއި ހަމައަށް ކުރިއަށގޮއްސައެވެ. އެގޮތުން މި ބަޖެޓް ބަހުސް ނިމެންދެން މިއަދުގެ މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ރައްޔޮތުންގެ މިއަދުގެ ޖަލްސާގައޮ ބައިވެރިވެވަޑައިގެން 69 މެމްބަރުންގެ ތާއީދާއެކު ވަނީ ނިންމަވައިފައެވެ.