މާލެ ފެހި ޕްރޮގްރާމްގެ ދަށުން ތައާރަފުކުރާ ޓެކްސީ ލައިން އޮޕަރޭޓް ކުރުމަށް ސަރުކާރުގެ ކުންފުންޏަކަށް ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ހަވާލުކުރާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅޭގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އިޤްތިޞާދީ ކޮމެޓީއަށް ހާޒިރުކުރުމުން، އެ ކޮމެޓީގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން އަމީން ވިދާޅުވީ، ޓެކްސީ ޚިދުމަތް ދޭނީ އެމްޓީސީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އާރްޓީއެލްގެ ޚިދުމަތްވެސް ދެމުން ގެންދާ އުސޫލުން ކަމަށެވެ.
ވުމާއެކު އެ ޚިދުމަތް ދިނުމަށް އެމްޓީސީއަކީވެސް ހަމަ އެންމެ އެކަސޭނެ ކުންފުންޏެއް ކަމުގައި ޤާބޫލުކުރައްވާ ކަމުގައިވެސް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ.
މި ޚިދުމަތް ދެމުން ގެންދާނީ ސަރުކާރުގެ ކުންފުންޏަކާއި ކަމުގައި ވިދާޅުވި ނަމަވެސް ސީދާ އެއީ ކޮން ކުންފުންޏެއްކަމެއް އަމީން ވިދާޅުވެފައެއް ނުވެއެވެ.
އެގޮތުން ޓެކްސީ ލައިންގެ އޮޕަރޭޝަނާއި ގުޅިގެން އިތުރު މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 އިންސައްތައަކީ ދާއިމީ މުވައްޒަފުން ކަމަށާއި ބާކީ 50 އިންސައްތައަކީ އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭޏުންވާ މުވައްޒަފުންނަށް ދޫކުރާނެ ސްލޮޓްތަކެއް ކަމަށެވެ.
މީގެ އިތުރުން ޓެކްސީ ލައިންގައި މަސައްކަތް ކުރާ ޑްރައިވަރުންނަށް ގަޑިއިރަކަށް 100 ރުފިޔާއަށް ވުރެ ދަށް ނުވާނެ ފީއެއް ދޭނެކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، އެ މަސައްކަތުގައި އެއްވެސް ވަރަކަށް ބިދޭސީންނަށް ޙަރަކާތްތެރިވުމުގެ ފުރުސަތެއްވެސް އަދި ހުއްދައެއްވެސް ނޯންނާނެ ކަމަށެވެ.
ހަމައެޔާއެކު ޓެކްސީ ލައިންގަ މަސައްކަތްކުރާ ޑްރައިވަރުންގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޚިދުމަތް ދެމުން އަންނަގޮތް ކޮމްޕިއުޓަރައިޒްޑް ސިސްޓަމަކުން މޮނިޓަރ ކުރެވިގެން ދާނެކަމުގައިވެސް އަމީން ވިދާޅުވިއެވެ.
އަދި އެ ޚިދުމަތް ދެވިގެންދާނީ ޚިދުމަތަށް ޚައްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް، ޓެކްސީ ލައިންގައި މަސައްކަތް ކުރާ ޑްރައިވަރުންވެސް ޚާއްސަ ޔުނީފޯމެއްގައި ކަމަށާއި އަދި އެ ޓެކްސީ ލައިންގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި ޓެކްސީ ލައިންގައި ބޭރުންކުރާ 25 އިންސައްތަ އުޅަނދަކީ އިލެކްޓްރިކް އުނދުކަމުގައިވެސް މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ޓެކްސީ ޚިދުމަތްދޭ ބައެއް ފަރާތްތަކުން ނުއަގުގައި އެ ޚިދުމަތް ދެމުން އަންނަ ކަމުގައި ޝަކުވާތައް ލިބެމުން އައުމާއި ގުޅިގެން ފުރިހަމަ ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޒަމާނީ ކޮންޓްރޯލް ޓެކްސީ ލައިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އިއުލާން ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ އަހާ ފޯރަމްގެ ތެރެއިން މި އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.