ފަތުރުވެރިކަމުގެ ދާއިރާ އިން ނަގަމުން އަންނަ ޓީޖީއެސްޓީ 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މުސްތަފާ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މި ބިލުގައި ވާގޮތުން އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ފަތުރުވެރިކަމުން ނަގާ ޓެކްސް ގެ ގޮތުގައި ނަގާނީ 17 އިންސައްތައެވެ.
އަދި މި ބިލަށް ގެންނަ އިސްލާހުތަކާއެކުގައި މީގެކުރިން ހަދާފައި ހުރި ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ބިލަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށް ބިލްގައިވެއެވެ.
އެ ބިލް މަޖިލީހުގެ މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކުރުމަށްފަހު ރިޕޯޓް ވަނީ މުޅި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅައިފައެވެ.
މަޖިލިހުގެ ކޮމެޓީން އެ ބިލް ފާސްކުރުމަށް ވޯޓަށް އެހުމުން ބިލް ފާސްކުރުމަށް ފެންނަ ކަމަށް 68 މެމްބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 10 މެމްބަރުން ވޯޓުދެއްވާފައިވެއެވެ.
ބިލަށް އަމަލު ކުރަން ފެށުމުން އަންނަ އަހަރު ދައުލަތަށް 201.9 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު 330.8 މިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު 538.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެއެވެ.