ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުތައް ފުއްދުމަށްޓަކައި ޤާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި މިހާތަނަށް އެކު ޖުމުލަ 40 ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފައިވާނެ ކަމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ވަޢުދުތަށޤް ފުއްދުމަށްޓަކައި ޤާނޫނުތަކަށް ބަދަލު ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކުގެ ބޭރުން ގާތްގަނޑަކަށް 40 އެއްހާ ބިލު ރައްޔިތުންގެ މަޖިލިހަށް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިޤްތިޞާދީ އެޖެންޑާގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށްޓަކައި ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ހުށަހާޅަންޖެހޭ ހުރިހާ ބިލެއްވެސް މިހާރު ހުށަހަޅައިފައިވާކަން ފާހަގަކުރައްވައި ބަންޑާރަ ނައިބު ވިދާޅުވީ، އެ ޤާނޫނުތަކަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުތެރޭ ނިންމާލެވޭނެ ކަމަށެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުތެރޭގައި ވެރިކަން ކުރާ ޕާޓީގެ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ އެމަނިކުފާނުގެ ރިޔާސީ ވާޢުދުތައް ފުއްދުމަށްޓަކައި ޤާނޫނުތަކަށް އިސްލާހު ގެނައުމުގެ ވާހަކަފުޅެވެ.
އެގޮތުން އެކަން ކުރުމަށް އެއްބާރުލުން ދެވޭނީ މަޖިލިހަށް ޕީއެންސީގެ މެމްބަރުން އިންތިޚާބުކޮށްގެން ކަމުގައި ރައީސް ވަނީ އޭރު ވިދާޅުވެފައެވެ.