މި އަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 156 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.
އެސްޓިއޯއިން މިއަދު އާއްމުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ ދެވަނަ ކުއާޓަރުފައި އެކުންފުންޏަށް ލިބިފައިވާ އަދަދާއި އަޅާ ބަލައިއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅުވެ އާމްދަނީ އިތުރުވުމެވެ.
އެގޮތުން، އެސްޓިއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލައިއިރު 15 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެސްޓިއޯއިން ބުނެފައިވެއެވެ.
މީގެއިތުރުން، ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ކުންފުނީގެ ޚަރަދު އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު މިކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި 251 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ. އެސްޓިއޯއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ކުރީ ކުއާޓަރާއި އަޅާ ބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.
“ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާއަކީ 198 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލައި 12 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުވެފައިވުމެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި ވަނީ 156 މިލިއަން ރުފިޔާ ލިބިފައެވެ.” އެސްޓީއޯއިން ބުނެފައި ވެއެވެ.