އިންޑިއާ ނޭވީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ހިންގާ “އެކްސަސައިޒް އެކަތަ 2024″، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ފަށައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, މި ހަރަކާތުގެ ސަބަބުން ދެ ޤައުމުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެއެވެ.
މިއީ އިންޑިއާ ނޭވީއާ ގުޅިގެން އެމްއެންޑީއެފުން މިހަރަކާތް ކުރިއަށްގެންދާ 7 ވަނަ ފަހަރެވެ.
މިހަރާކަތް ކުރިއަށް ގެންދަނީ ކިހާ މުއްދަތަކަށް އަދި ކޮން ސަރަހައްދެއްގައި ކަން އެމްއެންޑީއެފުން ހާމަކޮށްފައި ނުވާއިރު އެމްއެންޑީއެފުން ދަނީ އަސްކަރީ ޤާބިލުކަން އިތުރު ކުރުމުގެ ގޮތުން ތަފާތު އެކި ގައުމުތަކާއި ގުޅިގެން ތަމްރީނުތައް ހިންގަމުންނެވެ.