-Advertisement-

-Advertisement-

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށް މަސައްކަތް ކުރާނެކަމަށް މެޑަމް ސާޖިދާ ވިދާޅުވެއްޖެ

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް (އެންސީޑީސް) އިތުރުވަމުންދާތީ، އެކަން ޙައްލުކުރެއްވުމަށް، ރާއްޖޭގެ ފަސްޓް ލޭޑީގެ ހައިސިއްޔަތުން މަސައްކަތްޕުޅުކުރައްވާނެ ކަމުގައި މެޑަމް ސާޖިދާ މުޙައްމަދު، ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ކޮމިޓީގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް މަތިވެފައިވާ ކަމަށާއި މިއީ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

މީގެއިތުރުން، މިގޮންޖެހުންތަކުން އަރައިގަތުމަށް ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި މިހާރުވެސް ބައެއް ބަލިތަކުގެ ސްޕެޝަލިސްޓުންގެ ދަތިކަން ފާހަގަކުރައްވާ މެޑަމް ސާޖިދާ ވިދާޅުވީ، ޚާއްޞަކޮށް އޮންކޮލޮޖީ ނުވަތަ ކެންސަރުފަދަ ބަލިތަކުގެ ސްޕެޝަލިސްޓުން މަދުކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިފަދަ ފަރަޤުތައް ނައްތާލުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ އެކަމަނާ ވަނީ، ދަރިމައިވުމުގެ މައްސަލައިގައި ދިމާވާ ގޮންޖެހުންތަކާއި، ޚާއްޞަކޮށް މިކަމުގައި ދެމަފިރިންނަށް ކުރިމަތިވާ އިޖުތިމާޢީ އަދި ނަފްސާނީ ދަތިތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

މެޑަމް ސާޖިދާ ވަނީ މެރކް ފައުންޑޭޝަންގެ ކެމްޕޭންތަކަށް ތަޢުރީފު ކުރައްވައި އަދި ކޮންފަރެންސްގައި ފަސްޓް ލޭޑީންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމަށް ތަޢުރީފުކުރައްވައި، މި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-