މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރާކަތްތަކެއް ކުރިއަށް ގެންދިއުމަށްޓަކައި ތިން ދުވަހަށް ރަސްމީ ފާލަމާއި ގްރީން ޒޯން ސަރަހައްދު ހަވީރު ވަގުތު ބަންދުކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ، މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ހު ރަސްމީ ފާލަން ސަރަހައްދުގެ ނެރާއި ފާލަންތައް އަދި ގްރީން ޒޯން ހިމެނޭ ސަރަހައްދު ހަވީރު 15:00 އިން ފެށިގެން 18:00އި ހަމައަށް ބަންދުވާނެ ކަމަށެވެ.
ނަސްރުގެ ދުވަހަކީ 1988ވަނަ އަހަރުގެ ނޮވެމްބަރު 03 ދުވަހު ދުވަހު ދިވެހި ޚާއިނުންތަކެއްގެ އެހީގައި އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ބާޢީ ގްރޫޕެއްކަމަށްވާ ”ޕްލޯޓް” އިން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއިން ނަޞްރު ލިބުމާއި އެ ޢުދުވާމުގައި ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާއުގައި ޤުރުބާންވެ ޝަހީދުވީ އަބްޠާލުންގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ.
މި ފާއިތުވި ސަރުކާރުގައި މިދުވަހަށް މާބޮޑު އަހަންމިއްޔަތެއް ނުދެއްވާ ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުގައި ނަސްރުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރައްވާނެ ކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.