ދައްކަން މިއުޅެނީ، ހަވީރު ފިންޏަށް މަންމައާއެކު ވޮލީ ކުޅޭތަނަށް ބޯޅަ ހޮވައިދޭން ދިޔަ ޒުވާނަކު، ކުޅިވަރުގެ އެންމެ އުހަށް ކުރަމުން އަންނަ ދަތުރުގެ ވާހަކައެވެ. ވޮލީ ބޯޅައަށް އެއްވެސް ތަޞައްވުރެއް ނެތް ވިސްނުމަކުން، ވޮލީބޯޅައިގެ ހުރިހާ ކާމިޔާބީއަކަށް އޭނާގެ ހުވެފެންތަކާއި އުއްމީދުތަކުގެ މިސްރާބު ބަދަލުކުރި ހުނަރުވެރިއެއްގެ ވާހަކައެވެ.އޭނާއަކީ މިއަދު ދިވެހި ވޮލީބޯޅައިގެ އެންމެ މޮޅު އެއްލިބެރޯކަމާއި މެދު ގިނަބަޔަކު އެއްބަސްވާނެ ޒުވާން ކުޅުންތެރިއެއްގެ ވާހަކައެވެ.
ރ އަލިފުށީ ތޯތާގޭ އުމުރުން 24 އަހަރުގެ އަހްމަދު މުޒްލިފަކީ، މިއަދު ރާއްޖޭގެ ވޮލީ ކޯޓުތަކުން ފެންނަ އެންމެ ހުނަރުވެރި އެއް ލިބަރޯއެވެ. ވޮލީގެ ޙަރަކާތްތައް އެންމެ އަވަސް އަދި އެންމެ ފަރިތަ އެއް ލިބެރޯއެވެ. ޙަޤީގަތުގައި ދިވެހި ވޮލީބޯޅައިގެ އުދަރެހުން މުޒްލިފް ފަދަ ތަރިއެއް އުދަވެގެން މިއައީ، ރާއްޖޭގައި މިވަގުތު ކުޅެމުން އަންނަ އެންމެ ހުނަރުވެރި ލިބެރޯއިންތެރޭގައި ހިމެނޭ، ނަބީލް ނަޢީމް އަދި ޖަވާމް ފަދަ ލިބެރޯއިންނަށް ފަހު، އެފަދަ ހުނަރުވެރި ޒުވާން ލިބެރޯއަކަށް ވޮލީބޯޅަ ނުހުނަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ކޮންމެއަކަށް އެތަކެއް ގޮންޖެހުންތަކަކާއި، ދަތިތަކެއް ކަޑައްތުކޮށް މިއަދު މުޒްލިފް ކުރަމުން އަންނަ ދަތުރުގެ ސީދާ މިސްރާބު ހުރީ، ދިވެހި ވޮލީބޯޅައިގެ އެންމެ އުހަށް، އެންމެ ފުރިހަމަ ކާމިޔާބީތަކާއެކުއެވެ.
ވޮލީ ބޯޅައަށް ވަދެވުނުގޮތް:
ވޮލީބޯޅައިގައި މުޒްލިފްގެ އެންމެ ދުރު ހަނދާނަކީ، ސްކޫލު ދުވަސްވަރު މަންމަމެން ހަވީރު ކުޅެން ދާއިރު، އެކީގައި ގޮސް ބޯޅަ ހޮވައިދޭން ހުންނަ ހުރުމެވެ. އެ ހަނދާންތަކުން މުޒްލިފުގެ ވޮލީއާއި ހިއްސާއެއް އޮތް މިންވަރު ގުޅުވައިލާ ނަމަ، މުޒްލިފް ފާހަގަކުރަނީ:
” އޭރު ދެން އެތާ އިންނަ އިރު ދިމާއަށް ބޯޅަ އައީމަ ނަގައި ޖަހަނީ މަންމަ މެންނާ ދިމާއަށް، އެއީ އޭރު ވޮލީގައި އަޅުގަނޑު އުޅެމޭ ބުނަން ޖެހިއްޖިޔާ ބުނެވެން އޮތް ވަރަކީ”
އެހެން އުޅުމުގެ ތެރޭގައި ގްރޭޑް 10 ގެ އަހަރު ސްކޫލުގައި ބޭއްވި އިންޓަރ ހައުސް ވޮލީ މުބާރާތުގައި މުޒްލިފް ބައިވެރި ވިއެވެ. އެ މުބާރާތުގައި މުޒްލިފް ކުޅުނީ ސެޓަރަކަށެވެ. އިސްކޮޅުންވެސް ކުރުކަމުން އޭނާއަށް އެންމެ އެކަށޭނެ މަޤާމަކަށް އޭރު ލިބުނީ ސެޓަރުކަމެވެ. މުބާރާތް ނިމިގެން ދިޔައީ، މުޒްލިފް ގެ ޓީމު މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައި އަދި މުބާރާތުގެ ގަދަ 6 ގައި މުޒްލިފްވެސް ހިމެނިގެންނެވެ.
މިއީ ވޮލީ ބޯޅަގައި އޭނާގެ ފުރަތަމަ ފެނިލުމެވެ.
ވޮލީކުޅެން ޝައުޤުވެރިވި ގޮތް:
ގްރޭޑް 10 ނިންމުމަށްފަހު މަތީ ސާނަވީއަށް ކިޔެވުމަށްޓަކައި މުޒްލިފް ބަދަލުވީ މާލެއެވެ. އެގޮތުން އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ވަދެ، އެދުވަސްވަރު ސްކޫލުގައި ކުރިއަށް ދިޔަ އިންޓަރ ސްކޫލުގެ ފަރިތަކުރުން ތަކަށްވެސް ދިޔައެވެ.
އެހެން ނަމަވެސް ޕްރެކްޓިސްތަކާއި މުޒްލިފް ގުޅުނު އިރު ޓީމުގެ ސެލެކްޝަން ނިމިފައި ވުމާއި، ލިބުނު މަދު ދުވަސްކޮޅުގެ ސަބަބުން މުޒްލިފްގެ ކުޅުން ،ކޯޗަށް ފާހަގަކުރެވޭ ވަރަށް ދެއްކޭގޮތް ނުވި ކަމުގައި މުޒްލިފް ފާހަގަކުރިއެވެ.
އެހެން ނަމަވެސް ޖެހިގެން އައި އަހަރުވެސް އަނެއްކާވެސް އަހްމަދިއްޔާ ސްކޫލުގެ ޕްރެކްޓިސްތަކަށް މުޒްލިފް ދިޔައެވެ.
“ދިޔަ އިރުވެސް ނޭނގެ މިދިޔައީ ސެޓަރަކަށް ކުޅެން ކަމެއް އެޓޭކަރަކަށް ކުޅެން ކަމެއް ނޫނީ ކޮން ޕޮޒިޝަނަކަށް ކުޅެންކަމެއް، އެހާ ޝައުޤުވެރިކަންވެސް ބޮޑު ނޫންވީމަ ކަންނޭނގެ ދޯ!”
މިފަހަރު ޕްރެކްޓިސްގެ އެންމެ ކުރީކޮޅުގައި މުޒްލިފްގެ ހުނަރު، އެޓީމުގެ ކޯޗް ޝުޢައިބަށް ފާހަގަވިއެވެ. އަދި ލިބެރޯއަކަށް ކުޅެން އިރުޝާދު ދިނެވެ. މީގެ އިތުރުން ވަރަށް މޮޅު ލިބެރޯއަކަށް މުޒްލިފްއަށް ވެވިދާނެ ކަމުގައިވެސް ކޯޗް ބުނި ކަމުގައި މުޒްލިފް ފާހަގަކުރިއެވެ. އޭރު ޝުޢައިބް ކޯޗާއި އެކު އެސިސްޓެންޓް ކޯޗަކަށް އަހްމަދިއްޔާ ސްކޫލުގެ ޓީމްގައި މަސައްކަތް ކުރި ޝަންވާޒްގެވެސް ވަރަށް ބޮޑު ހިތް ވަރަކާއެކު، އެ އަހަރުގެ އިންޓަރ ސްކޫލު މުބާރާތުގައި ޓީމުގެ ލިބަރޯއެއްގެ ގޮތުގައި މުޒްލިފް ނިކުމެ ކުޅުނީ، ފުރަތަމަ ފަހަރަށް މޮޅު ވޮލީ ކުޅުންތެރިއަކަށް ވުމަށްޓަކައި ހިތުގައި ދިއްލާލި ފުރިހަމަ ޢަޒުމުގެ ހުޅުކޮޅު ނިވުނަ ނުދީ ކުރިއަށް ދިއުމަށް އަމާޒު ހިފައިގެންނެވެ.
އެ އަހަރުގެ އިންޓަރ ސްކޫލް މުޒްލިފް ނިންމާލީ، މުބާރާތުގެ އެންމެ މޮޅު ލިބެރޯކަމާއި އަހްމަދިއްޔާ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ދިނުމުގައި ޓީމުގެ ޑިފެންސްގެ އެންމެ ވަރުގަދަ ތަނބުގެ ގޮތުގައި މުޒްލިފްގެ ހުނަރު ވޮލީ އާއިލާއަށް ދައްކުވައިދީފައެވެ.
ޖޫނިއަރ ޤައުމީ ޓީމަށް:
މުޒްލިފްގެ ދެވަނަ މުބާރާތާއި އެ މުބާރާތުގެ ކާމިޔާބީއަށްފަހު ދެން އައި ދުވަސްކޮޅު ރައްޓެހިންނާއެކު ވޮލީ ކުޅެން ދިއުމުގައި ވަގުތުތައް ހޭދަކުރަން ފެށިއެވެ. މަޖަލަކަށް ކުޅެން ފެށި ކުޅިވަރު މަޑުމަޑުން އޭނާގެ ރޫހާއި ގުޅެމުން އައިސް ދިރިއުޅުމުގެ ބައެއް ކަމުގައި ވޮލީ ވާން ފެށިކަމުގެ އިހުސާސް މުޒްލިފަށް ކުރެވެން ފެށީ ވޮލީ ބޯޅައިން ކުރިއަށް ދިއުމަށް ލިބުނު އުއްމީދުގެ ބޮޑުކަމާއެކުވެސް މެއެވެ.
“އޭރު ދެން ވޮލީއޭ ބުންޏަސް އެކަމަކަށް ދާހިތުން އަޅުގަނޑު ވަރަށް އެކްސައިޓްވެފައި ހުންނަނީ، އެހެންދޯ ވާނީ، އިސްކޮޅުން ކުރަސް މީގެން ކުރިއަށް ދެވޭނެކަމުގެ އުއްމީދު އޭރު ލިބެން ފެށީ”
ހަމަ އެދުވަސްވަރު އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަންގެ އޭޝިޔާ މުބާރާތް 2018 ގައި ރާއްޖޭގެ 20 އަހަރު ދަށުގެ ޓީމެއް ބައިވެރިކުރުމަށް ނިންމައި އެސޯސިއޭޝަނުން ޓީމެއް އެކުލަވައިލުމަށް ސެލެކްޝަނެއް ބޭއްވިއެވެ. އެ ސެލެކްޝަންގައި މުޒްލިފް ބައިވެރިވީ، އޭނާގެ ހުނަރު އިތުރު ކޯޗުންނަށް ދައްކާލައި ވޮލީގެ އައު ހަރުފަތަކަށް ދިއުމަށް ވަރަށް ފުރިހަމަ އުއްމީދެއްކޮށްގެނެވެ.
“ސެލެކްޝަންއަށް ދިޔަ އިރު އެތަނުގައި ފުރަތަމަ ރޭ ތިބި 90 ވަރަކަށް ކުދިން، އޭގެ ތެރެއިން ޕޮޒިޝަން ވަކިކޮށްލި އިރުވެސް 16 ވަރަކަށް ލިބެރޯއިން ތިބި، ހައްތަހާވެސް ތިބީ އަޅުގަނޑަށްވުރެ ދިގު ކުދިން”
ޙަޤީގަތުގައިވެސް މުޒްލިފަށް އޭރު ހީކުރެވުނީ ބައިންލްއަޤްވާމީ މުބާރާތްތަކުގައި ކުޅެންވެސް ލިބެރޯއިންނަށް ނަގާނީ ދިގު ކުދިން ކަމަށެވެ. އެޔާއެކު މުޒްލިފަށް ކުރިއަށް ދިއުމަށް ވަރަށް ބޮޑު ހުރަހަކާއި ކުރިމަތިވެދާނެ ކަމުގެ އިހްސާސް ކުރެވިވެސް، އެ ބިރާއެކު އޭނާ ކުރިމަތިލީ ޓީމަށް ނަގާ ކުޅުންތެރިންގެ ތެރޭގައި ހިމެނުމަށްޓަކައި ކަށިން ހިތްވަރު ނެރެ، ކުރެވުނު މަސައްކަތެއް ކުރާށެވެ.
އެ އަހަރުގެ ޖޫނިއަރ ފިރިހެން ޓީމުގެ ހެޑްކޯޗުކަމާއި ހަވާލުވެ ހުންނެވީ، ރާއްޖޭގައި އުފެދުނު އެންމެ ތަޖުރިބާކާރު، އަދި އެންމެ ޓެކްނިކަލީ މޮޅު އެއްކޯޗްކަމުގައިވާ އިބްރާހީމް ޖައްލައެވެ. ޖައްލަ ކޯޗްގެ އިތުރުން އެ ޓީމުގެ އެސިސްޓެންޓް ކޯޗުން ގޮތުގައި ތިބި ފަލާހް، ސަލާމް، އަދި ފައިސަލް ކޯޗްމެންނަށް މުޒްލިފް ގެ ހަލުވި ކަމާއި ހުނަރު ފާހަގަކުރެވި ޓީމަށް ކުޅުންތެރިން ނެގި އިރު އެ ކުޅުންތެރިންގެ ތެރޭގައި މުޒްލިފްވެސް ހިމެނިގެން ދިޔައެވެ.
ސީނިއަރ ޓީމަށް:
ޖޫނިއަރ ޓީމުގެ މުބާރާތަށްފަހު މުޒްލިފަކީ، މޮޅު ލިބެރޯއެއްގެ ގޮތުގައި ޓީމުތަކަށް ފެންނަން ފެށިއެވެ. ދެ އަހަރަކު ރާއްޖޭގެ ބޮޑެތި ކްލަބްތަކުގެ ބެންޗުން ފެނިލުމަށްފަހު މިދިޔަ އަހަރު ބޭއްވި އިންޓަރ އޮފީސް ވޮލީ މުބާރާތުގައި މުޒްލިފް ވިދާލައިގެން ދިޔައީ، އެ މުބާރާތުގައި އެކި އެކި ޓީމުތަކުގެ ތިބި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ލިބެރޯއިންނާއި ދެކޮޅަށް ކުޅެ އެ މުބާރާތުގެ އެންމެ މޮޅު ލިބެރޯކަމުގެ މަޤާމުވެސް ހޯދައިގެންނެވެ. އެއަށް ފަހު އެކުލަވާލި ޤައުމީ ފިރިހެން ޓީމުގެ ސްކޮޑުން މުޒްލިފް ޖާގަ ހޯދައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ސީނިއަރ ޓީމަށް މުޒްލިފް ހިމެނިގެން ދިޔައެވެ.
އެއަށް ފަހު މި ފާއިތުވި ދުވަސްތަކުގައި ޓީމުގައި އޭނާއަށް އޮތް ޖާގަ ޔަޤީންކޮށް ދިފާޢު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހުންކަން ފާހަގަކޮށް މުޒްލިފް ބުނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ، އެ އިރަކު ނުކުރެވޭ ހުރިހާ ކަމެއް ރަނގަޅުކޮށްގެން އިތުރަށް ކުރިއަށް ދިއުމަށް ކަމަށެވެ.
“ސީނިއަރ ޓީމުގައި ދެމި ހުރުމަކީވެސް ވަރަށް މަސައްކަތް، ވަރަށް ހިތްވަރު ކުރަންޖެހޭ، ސީނިއަރ ކުޅުންތެރިންގެ ބަސް އަހައިގެން ކަންކަން ދަސްކުރަން އަބަދުވެސް މަސައްކަތް ކުރަނީ”
އެގޮތުން މުޒްލިފްގެ ބުރަ މަސައްކަތާއި ހިތްވަރުން އެންމެ، އޭނާ އެންމެ ފަހުން ކުޅުނު ކާވާ މެންސް މުބާރާތުގެ ފުރަތަމަ މެޗްގެ އެއް ސެޓްގައި ޝަރަފްކޯޗް މުޒްލިފަށް ދިން ފުރުސަތެއްގައި، އޭނާގެ ހުނަރުވެރިކަމާއި ޓީމަށް އޭނާގެ ބޭނުންތެރިކަން ޝަރަފްކޯޗް އޭނާއަށް ކުރި އިތުބާރާއެކު ސާބިތުކޮށްދިނެވެ.
އޭގެ ފަހުން މުބާރާތުގެ ގިނަ މެޗްތަކެއްގެ ފުރަތަމަ 6ން ވެސް މުޒްލިފް ފެނިގެން ގޮއްސައިވެއެވެ.
ކުރިއަށް ދިއުމަށް ހުރި ގޮންޖެހުންތައް:
ކުޅިވަރުގައި ކުރިއަށް ދިއުމަށް މާ ބޮޑެތި ގޮން ޖެހުންތަކެއް މުޒްލިފަކަށް އަދިއެއް ނެތެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާއަށް ކުރިމަތިވި ބައެއް ދަތިތައް ފާހަގަކުރަމުން މުޒްލިފް ބުނެފައިވަނީ، އޭނާގެ މައިބަދައަށް ދޭތެރެއަކުން އަނިޔާއެއް ލިބި ކުރިއަށް ދިއުމަށް އެންމެ ބޭނުންވި ކުރިއެރުންތަކާއެކު ދިއުމަށް މެދުކެނޑުމެއް އައި ކަމަށެވެ.
އަނެއް ކަމަކަށް މުޒްލިފް ފާހަގަކުރީ ވޮލީގެ ތެރޭގައި އުޅޭ ބައެއް މީހުންގެ ތަފާތު ފިއްތުންތަކެވެ. އެކި އެކި ކަންކަމުގައި ކުޅިވަރާއި ގުޅިގެން އެމީހުން ބޭނުންވާ ނަޒަރުން އޭނާއަށް ވިސްނައިދިނުމަށް މަސައްކަތް ކުރާކަމަށާއި އެހެން ނަމަވެސް އަބަދުވެސް އެފަދަ އިވުންތަކަށް އިޖާބަ ނުދީ މަސައްކަތް ކުރުމަށް އޭނާ މަސައްކަތް ކުރާކަމަށެވެ.
“ބައެއް މީހުން ބުނާނެ މިވެނި ޓީމަކަށް އެވެނި ޓީމަކަށް ނުކުޅޭށޭ، ތި ކުޅެނީ ކަޑަ ޓީމަކަށޭ، އެވެނި މިވެނި ކޯޗަކީ ކަޑަ މީހެކޭ، އެކަހަލަ އެއްޗިއްސަށް ރެސްޕޯންޑް ނުކޮށް ވޭތޯ މިބަލަނީ”
ޤައުމީ ޓީމު ކުޅުންތެރިންނަށް ލިބޭ މުސާރަ ކުޑަވުމަކީވެސް މުޒްލިފްގެ ކަންބޮޑުވުމެކެވެ. މާލޭގައި ކުއްޔަށް އުޅެމުން ކިޔަވަމުން ޓީމަށް ވަގުތު ދެމުން އުޅެން ޖެހުމާއި ލިބޭ މުސާރައިން ދެކޮޅު ނުޖެހުން މުޒްލިފްގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއެވެ.
“ކިޔަވަމުން ކުޅެމުން ނުވޭ ވަޒީފާއަށް ދާނެ ވަގުތެއް، ޓީމަށްވެސް މިދޭ ވަގުތަކީ ހަމަ ގިނަ ވަގުތުތަކެއް އެކަމު ލިބޭ ކުޑަ މުސާރައިން ކުލި ދައްކާފައި ކިޔަވަން ޚަރަދުކޮށްފައި ދެން ނޯވޭ އަތަކު އެއްވެސް ރުފިޔާއެއް”
އެހެން ނަމަވެސް މި ދަތިތަކާއެކުވެސް މުޒްލިފް ހުރީ ވޮލީ ބޯޅައިގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް އަޅާގޮތަކަށް ނޫނެވެ.
ހުރިހާ ދަތިތަކާއި ގޮން ޖެހުންތައް ކަޑައްތުކޮށް އޭނާގެ އުއްމީދީ މަންޒިލާއި ހަމައިން ނޫނީ ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ.
ޒުވާން ކުޅުންތެރިންނަށް މުޒްލިފްގެ މެސެޖެއް:
މުޒްލިފް ދެކޭ ގޮތުގައި ކާމިޔާބީގެ ދަތުރަކީ ކުރިއަށް ދިއުމަށް އެހާ ފަސޭހަ ދަތުރެއް ނޫނެވެ. ކުރިއަށް ދާން ބޭނުންވާ ވަރަކަށް ކުރިމަތިވާ ގޮންޖެހުންތައް ގިނަވާނެ ކަމަށް މުޒްލިފް ދެކެއެވެ. އެހެން ކަމުން ވޮލީއަށް ނިކުންނަ ޒުވާން ކުދިންނަށް މުޒްލިފްގެ އެންމެ ޚާއްސަ އެ ނަސޭހަތަކީ، ހިތްވަރާއެކު ކުރިއަށް ދިއުމުގައި ދެމި ހުރުމަށެވެ. އިވޭ ނައްސި ވާހަކަތަކާއި ލިބޭ މަލާމަތްތަކާއި ކުރިމަތިލައި އުއްމިދުތަކަށް ވާޞިލްވުމަށް ހިތްވަރާއެކު މަސައްކަތް ކުރުމެވެ. އަދި ކޯޗުންގެ ބަސް އެހުމާއި ސީނިއަރ ކުޅުންތެރިންގެ އިރުޝާދުތަކާއި ތަޖުރިބާތައް އަޑުއަހައިގެން ކުރިއަށް ދާން މަސައްކަތް ކޮށްފިނަމަ ކޮންމެވެސް ދުވަހަކުން ކޮންމެ ކުއްޖެއްގެވެސް އުއްމީދުތަކަށް ވާސިލްވެވުމަކީ ދުރުކަމެއް ނޫންކަމުގައި މުޒްލިފް ދެކެއެވެ.
ޝުކުރުވެރިވާ ފަރާތްތައް:
މުޒްލިފްގެ ކާމިޔާބީއާއި އޭނާއަށް ކުރިއަށް ދެވުމުގެ ހުރިހާ ޙަމްދަކާއި ޝުކުރެއް އޭނާ ރައްދު ކުރަނީ ހެއްދެވި ފަރާތަށެވެ. އެއަށްފަހު މުޒްލިފް ދެކެ ލޯބިވާ އޭނާގެ އާއިލާގެ ސަޕޯޓާއި އެއްބާރުލުމަކީ މުޒްލިފަށް މިހާހިސާބަށް އާދެވުމުގެ އެންމެ ބޮޑު ހިތްވަރުގެ ގޮތުގައި އޭނާ ފާހަގަކުރެއެވެ.
“މަންމައާއި ބައްޕައާއި އަޅުގަނޑުގެ ދޮންތައާއި ދޮންބެވެސް ވަރަށް ސަޕޯޓިވް، ވަރަށް ހިތްވަރު ދޭނެ، މަންމަމެން ރަށުގައި ތިއްބަސް ހަމަ ކުޅޭ ހުރިހާ މެޗްތައް ބަލާނެ، ލައިވް ނުކުރަންޏާ ވީޑިއޯކޯލް ކޮށްދޭނެ މީހެއް ހޯދައިގެން ވިޔަސް، މެޗަކުން ބަލިވިޔަސް ހަމަ ގުޅައިގެން ވަރަށް ނަސޭހަތް ދޭނެ”
މީގެ އިތުރުންވެސް އޭނާގެ މަންމައާއި ބައްޕައާއި ދެ ފަރާތުގެ އާއިލާގެ އެއްބާރުލުމާއި ތަރުހީބު މުޒްލިފް ފާހަގަކުރެއެވެ.
މުޒްލިފް ދެން އެންމެ ޚާއްސަ ޝުކުރެއް އަދާކުރަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރީހާނަށެވެ. މުޒްލިފްގެ ހުރިހާ ކަމެއްގައިވެސް އެއްބަނޑު އެއްބަފާ ބޭބެއެއްހެން އެންމެ ގާތުގައި އެހީތެރިވެ އެއްބާރުލުންދީ ހިތްވަރުދޭ ރައްޓެއްސެންގެ ގޮތުގައި ރީހާން ފާހަގަކުރިއެވެ.
އަދި ޖުމުލަކޮށް އޭނާގެ ހުރިހާ ރައްޓެހިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މުޒްލިފްގެ ހުރިހާ އެކުވެރިންނަށްވެސް ޝުކުރުއަދާކުރިއެވެ.
މުޒްލިފްގެ ވޮލީގެ ޚާއްސަ ޝުކުރެއް، ޖައްލަ ކޯޗްގެ އިތުރުން ފަލާހް، ސަލާމް، އަދި ފައިސަލް ކޯޗަށް ޚާއްސަ ކުރިއެވެ. ޖޫނިއަރ ޓީމުގައި މުޅިން ސުމަކުން ފަށައިގެން އޭނާގެ ބޭސިކް ބަދަލުކޮށް ކޯޗުން މުޒްފިފަށް ދިން ތަމްރީނަކީ މުޒްލިފް މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ވޮލީއާއިލާއަށް ފެނިލުމުގެ ސިއްރުކަމުގައި މުޒްލިފް ދެކެއެވެ.
“ވަރަށް ގިނައިން މީހުން ބުނޭ ބޭސިކް ވަރަށް މޮޅޭ، ކޯޗުންވެސް ބުނޭ، ރިއެކްޝަންތައް އަވަހޭ، ރީޑް ކުރެވެއޭ މޮޅަށް، އެއީ ހަމަ ޖައްލަ ކޯޗާއި އޭރުގެ ކޯޗިން ސްޓާފުންގެ ތަމްރީނުގެ މޮޅުކަމޭ އަޅުގަނޑު ބުނާނީ”
މުޒްލިފްގެ ޝުކުރުގެ ލިސްޓްގައި އޭނާ ވޮލީގެ ތެރެއަށް ހިތް ޖެއްސުވުމުގައި ޝުޢައިބް ކޯޗާއި ޝަންވާޒްގެ ނަސޭޙަތާއި ހިތްވަރު ފާހަގަކުރިއެވެ. އަދި ރަށުގައި އެންމެ ފުރަތަމަ ވޮލީ ތަމްރީނެއް އޭނާއަށް ދިން ރަމްޒީ ކޯޗާއި ހަސަން ވަހީދު ކޯޗަށްވެސް މުޒްލިފް ނުހަނު އިޚްލާސްތެރި ޝުކުރެއް އަދާކުރިއެވެ.
“އެންމެންގެ ނަން ނުވެސް ކިއިދާނެ، އެކަމު ހަމަ އެއްކޮށް އުޅޭ ޖުމުލަކޮށް ހަމަ ދިމާވާ އެންމެންވެސް ވަރަށް ސަޕޯޓިވް، ސީނިއަރ ޓީމުގެ އެންމެންވެސް ވަރަށް އެހީތެރިވެދޭ ކުރިއަށްދާން، އެންމެނަށްވެސް ޝުކުރިއްޔާ ބުނެލަން ބޭނުންވަނީ”
ކޮންމެއަކަސް ހިތްވަރާއި އަޒުމުގެ ރޭހުގައި މުޒްލިފް މިވަނީ ކާމިޔާބީގެ ރޮނގާއި ދާދި ގާތުގައި ކަމުގައި ބުނެވިދާނެއެވެ. އޭނާގެ ކުރިއަށް އޮތް އެންމެ ބޮޑު ޢަޒުމަކީ ބައިނަލްއަޤްވާމީ ރަން މެޑައްޔެއް ހޯދުމާއި ބައިނަލްއަޤްވާމީ މުބާރާތެއްގެ އެންމެ މޮޅު ލިބެރޯކަން ހޯދުމެވެ.
މުޒްލިފްގެ ކުޅުމާއި ހުނަރާއި ކުރިއެރުމަށް ބަލައި މިއީ ފުރިހަމަ ވުން ދުރު ހުވަފެނެއްކަމުގައި ނުދެކެއެވެ.
އޭނާގެ ބަދަލު ނުވި ހިތްވަރާއި އަޒުމުން މިއަދު މުޒްލިފްގެ އުއްމީދުތައް ހުރީ ކާމިޔާބީގެ އެންމެ އުހަށެވެ. ދެވުނު އެންމެ ކުރިއަކަށް ދިއުމަށެވެ.
އެޑިޓަރުގެ ނޯޓް:
ނިއުސް ލެބްޓީމުގެ ފަރާތުން، މުޒްލިފަށް އެދެނީ ދުޅަހެޔޮ ސިއްހަތަކާއި ކުރިއެރުމެވެ. އަދި މުޒްލިފްގެ އުއްމީދުތައް ފުރިހަމައަށް ކާމިޔާބުވުމުގެ ހެޔޮ ތަޢުފީޤު ދެއްވުންވެސް މެއެވެ.