ޤަވާއިދާއި ޚިލާފަށް ހުޅުމާލޭގައި އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގަނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭގައި ވެހިކަލް ދޮވެ ސާފުކުރަން ބިދޭސީން ތިބޭ ފަސް ސަރަހައްދެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެސަރަހައްދުތައް ބަލައި ފާސް ކުރުމަށްފަހު، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބިދޭސީން އުޅޭ ތަންތަން ބަލައި ފާސް ކުރަން ފަށާފައިވާއިރު، އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17 އާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލާފައެވެ.