ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ޑޮލަރުގެ ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރަން އެދި ހުށަހަޅަން ޕޯޓަލެއް ތައާރަފު ކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު މީސްމީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި ބޭންކުން ވަނީ ޑޮލަރުގެ ލިމިޓު ބޮޑު ކުރުމަށް ‘ސްޓޫޑެންޓު ޕޯޓަލް’ ގެ ނަމުގައި ޚާއްސަ ޕޯޓަލެއް ތައާރަފު ކޮށްފައެވެ.
މިޕޯޓަލް މެދުވެރިކޮށް ލިމިޓު ބޮޑުކުރަން ހުށަހެޅުމަށް ޕޯޓަލްގައި ރަޖިސްޓާވާން ޖެހޭނެ ކަމަށާއި ރަޖިސްޓްރީ ވުމަށް ޕާސްޕޯޓާއި ސްޓޫޑަންޑް ވިސާ އާއި ޔުނިވާސިޓީ އެންރޯލްމެންޓް ލެޓާ ބޭނުންވާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.
ބީއެމްއެލުން ހާމަކޮށްފައިވާ ގޮތުގައި ލިމިޓު އިތުރު ކޮށްދޭން ހުށަހެޅުމުން އެއް ދުވަހުގެ ތެރޭގައި އެމަސައްކަތް ފުރިހަމަކޮށް، ބީއެމްއެލް މޮބައިލް އެޕްލިކޭޝަނަށް ނޮޓިފިކޭޝަން ލިބޭނެއެވެ.
މީގެއިތުރުން، ރަޖިސްޓާވުމުން ޑެބިޑް ކާޑުގެ ލިމިޓު 1،200 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށާއި، އެދަރިވަރަކަށް ދޭ ލިމިޓުން 250 ޑޮލަރު އެހެން ގައުމެއްގައި ވެސް ބޭނުން ކުރެވޭނެއެވެ.
ކިޔަވާ ކުދިންނަށް ދޫކުރާ ޑޮލަރުގެ ލިމިޓު ބޮޑުކޮށްދޭން ބީއެމްއެލުން ނިންމާފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ބޭންކުން ބުނީ ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވިޔަސް، ބޭނުންވާ މިންވަރަށް ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭތީ، އެކަމުގެ ދަތިކަން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ބޭނުންތައް ފުއްދައިދިނުމަށް ބީއެމްއެލް އިން އިސްކަންދިނުމުގެ ގޮތުން ލިމިޓު ބޮޑު ކުރީ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.