-Advertisement-

-Advertisement-

މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސަށް ދިނުމަކީ ޖަވާބުދާރީ ކުރުމަށް އޮތް ހުރަހެއް: ޓްރާންސްޕޭރެންސީ

ފޮޓޯ: ރާއްޖެ.އެމްވީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ޤާނޫނު އިސްލާހުކުރުމުން ޖަވާބުދާރީ ކުރުމަށް އޮތް ހުރަހަކަށް ވެގެންދާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީއިން މިއަދު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މި މުއައްސަސާތަކުގެ އެންމެ އިސް ފަރާތްތައް ހުށަހެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދެވުމުން، ވަކި ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކާ އެ ފަރާތްތައް އައްޔަންކުރުމަށާއި އަދި ޤާބިލު ފަރާތްތައް ނާއިންސާފުވެރި ގޮތެއްގައި ބާކީ ކުރުމަށް މަގުފަހިވެގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

“މި ދެ ކޮމިޝަނުގެ މުހިއްމު ދެ މަގާމަށް ކެންޑިޑޭޓުން އައްޔަންކުރުމުގެ ނުވަތަ ވަކިކުރުމުގެ މުތުލަގު ބާރު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ނިންމުމެއްގެ މައްޗަށް ބުރަވުމަކީ، ސިޔާސީ ނުފޫޒު ފޯރުވުމަށް މަގުފަހިވެ، މި މުއައްސަސާތަކާ މެދު އާންމުންގެ އިތުބާރު އިތުރަށް ގެއްލުމުގެ ނުރައްކާ އޮތް ކަމެކެވެ. އަދި މިއީ ޑިމޮކްރެސީގެ މުހިންމު އަސާސެއް ކަމުގައިވާ ތިން ބާރު ވަކިކުރުމުގެ އުސޫލާ ސަރުކާރު ޖަވާބުދާރީކުރުވުމަށް ހުރަސްއެޅޭނެ ކަމެކެވެ،” ޓްރާންސްޕޭރެންސީ މޯލްޑިވްސް

އޭސީސީ އާއި އީސީ އަށް ޤާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން ކޮރަޕްޝަން ހުއްޓުވުމާއި މިނިވަން އަދި އިންސާފުވެރި އިންތިޚާބީ އިޖުރާއަތުތައް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކޮށް ޓްރާންސްޕޭރެންސީއިން ބުނެފައި ވަނީ، އެ މުއައްސަސާތަކުގެ މިނިވަން ކަމަށް ހުރަސްއެޅިދާނެ ކަންކަމުގެ ސަބަބުން މަސްލަހަތު ފުށުއަރާ ހާލަތްތައް މެދުވެރިވުމާއި، އާންމުންގެ އިތުބާރު ގެއްލުމާއި، ޖަވާބުދާރީ ކުރުމަށް އޮތް ހުރަހަކަށް ވެގެން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެއިތުރުން، މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަންކުރަން ވާނީ ހާމަކަންބޮޑު، އެ ފަރާތްތަކުގެ ފަންނީ ޤާބިލުކަމާއި ނަޒާހަތްތެރިކަމަށް ރިއާޔަތްކުރެވި، ސަރުކާރުގެ ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ އުސޫލެއްގެ ދަށުން ކަމަށް ޓްރާންސްޕޭރެންސީ އިން ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގެ އުސޫލު އިތުރަށް ހަރުދަނާކުރުމަށްޓަކާ ޝަރުތު ހަމަވާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެޓްކޮށް، އިންޓަވިއު ކުރުމުގެ ފުރުސަތު ފަހިކޮށްދޭންވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި، މިފަދަ ހަރުދަނާ އުސޫލުތައް ތައާރަފް ކުރެވިއްޖެނަމަ މިފަދަ މުހިއްމު މަގާމުތައް އައްޔަންކުރުމުގައި ހާމަކަން އިތުރުވެ، ވަކި ފަރާތަކަށް ބުރަވުން ކުޑަވެގެންދާނެ ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-